ފެނަކަ ކޯޕްރޭޝަން

އައްޑޫ ޕަވާ ހައުސްގެ ކޫލިން ސިސްޓަމް ގާއިމް ކުރަން ވަންތައަށް

އައްޑޫ ސިޓީގެ ސެންޓްރަލް ޕަވާ ހައުސްގައި އަލަށް ބަހައްޓާ ދެ ޖެނަރޭޓަރުގެ ސީވޯޓާ ކޫލިން ސިސްޓަމްގެ ހަރު ކުރުމުގެ މަސައްކަތް ކުރަން 7.3 މިލިއަން ރުފިޔާއަށް ވަންތަ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ހިތަދޫގައި ހުންނަ މައި އިންޖުނުގޭގައި ގާއިމު ކުރާ މި ނިޒާމުގެ މަސައްކަތް ވަންތަ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ މިއަދު އެވެ. ދެ މެގަވޯޓުގެ ދެ ޖެނަރޭޓަރުގައި ސީވޯޓާ ކޫލިން ސިސްޓަމް އެ ކުންފިނިން 75 ދުވަހުގެ ތެރޭގައި ހަރުކޮށްދޭންޖެހެ އެވެ. މި ނިޒާމުގެ އެހީގައި ކަނޑުން ލޮނު ސަޕްލައިކޮށް ފެނަށް ބަދަލުކޮށް ޖެނަރޭޓަރުތަކުގެ ފިނި ހޫނު ހިފެއްޓުމުގެ ނިޒާމެއް ފައްކާ ކުރާނެ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އާދަމް މިއަދު ވިދާޅުވީ ސީވޯޓާ ކޫލިން ސިސްޓަމް ހަރުކު ރުމުން މެއިންޓެނެންސްގެ ހަރަދު ކުޑަވެ ޖެނަރޭޓަރުގެ ލޯޑު ކުޑަވެގެން ދާނެ ކަމަށާއި މިއީ ފެނަކައިން ރާއްޖޭގެ އިންޖީނުގެއެއްގައި އެފަދަ ނިޒާމެއް ގާއިމު ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

"މި ޕްރޮޖެކްޓް ނިމުމުން އައްޑޫ ސިޓީގެ ކަރަންޓަށް ދިގު މުއްދަތެއްގެ ހައްލެއް ލިބިގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި އެއްފަހަށް ގުޅާލާފައިވާ މަރަދޫ އާއި ހިތަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫއަށް ކަރަންޓް ދޭން ހިތަދޫގައި ގާއިމް ކޮށްފައިވާ ސެންޓްރަލް ޕަވާ ހައުސްގައި މިހާރުވެސް 11 ޖެނަރޭޓަރު ބޭނުން ކުރެ އެވެ. އިތުރަށް ބަހައްޓާ ދެ ޖެނަރޭޓަރުގެ ކަރަންޓް ދިނުމުގައި މިހާރު ދިމާވާ މައްސަލަތައް ހައްލުވާނެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ދެ ކުންފުނީގެ އިސްވެރިންނެވެ.