ދުނިޔެ

ސަލްމާން ރަސްގެފާނު ޗައިނާއަށް ވަޑައިގެންފި

Mar 16, 2017

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބުދުލް ޢަޒީޒު އަލް ސަޢުދު އިއްޔެގެ ވަގުތެއްގައި ޗައިނާއަށް ވަޑައިގެންފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގެ އިންޓަނޭޝަނަލް އެއާޕޯޓުން ރަސްގެފާނަށް މަރުހަބާ ވިދާޅުވީ ސްޓޭޓް ކައުންސިލާ ޔާންގް ޖިއެޗީ އެވެ. ސައުދީ ގެޒެޓް ނޫހުން ބުނީ ރަސްގެފާނުގެ ދަތުރުފުޅުގައި ޗައިނާއާއި ސައުދީ އަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށް ޗައިނާގެ ރައީސް ޝީޖިންޕިން އާއި އެ ގައުމުގެ އެހެން އިސްވެރިންނާއެކު މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ. ރަސްގެފާނުގެ ދަތުރުފުޅުގައި ވިޔަފާރިއާއި އިންވެސްޓްމަންޓާއި ތައުލީމީ ދާއިރާއިން ގިނަ އެމްއޯޔޫ ތަކެއްގައި ދެގައުމުން ސޮއިކުރާނެ ކަމަށްް ވެސް އެނޫހުން ބުންޏެވެ.

ރޮއިޓާސް އިން މިއަދު ބުނީ ސައުދީ އާއި ޗައިނާއިން މިއަދު ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށާއި އެ އެއްބަސްވުންތަކުގައި 65 ބިލިޔަން ޑޮލަރުގެ އަގުހުރި މަޝްރޫއުތައް ހިމެނޭ ކަމަށެވެ.

ޗައިނާގެ ރައީސް ޝީޖިން ޕިން ވަނީ މިދިޔަ އަހަރު ސައުދީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ސައުދީ ރަސްގެފާނު އޭޝިއާގެ ގައުމުތަކަކަށް ކުރައްވާ އެއް މަސްދުވަހުގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ މެލޭޝިއާއަށެވެ. އެއަށް ފަހު އިންޑޮނޭޝިއާއާއި ބުރޫނާއީ އަށް ވަޑައިގެންނެވި އެވެ. ރަސްގެފާނު ޗައިނާއަށް ވަޑައިގެންނެވީ ޖަޕާނަށް ވަޑައިގެންނެވުމަށް ފަހުގައެވެ. އަދި އެންމެ ފަހުން ވަޑައިގަންނަވާނީ ރާއްޖެއަށެވެ.

ސަލްމާން ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 18 ވަނަ ދުވަހު އެވެ.