ކުޅިވަރު

ގާޑިއޯލާގެ ނާކާމިޔާބު ކުރެހީ އޭނާގެ އަތުން

Mar 16, 2017

ރޭ މޮނާކޯއާ ދެކޮޅަށް ނިކުތުމުގެ ކުރިން. މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ، ދެއްކި ވާހަކަ އަކީ، މެންޗެސްޓާ ސިޓީއަށް މިފަހަރުގެ ޔޫއެފްއާ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރެވިދާނެ ވާހަކަ އެވެ. ނަމަވެސް، ރޭ މޮނާކޯ އަތުން ބަލިވުމުން، މެންޗެސްޓާ ސިޓީ ވަނީ ކަޓާފަ އެވެ. މިއީ ގާޑިއޯލާގެ ސީނިއާ ކޯޗިން ކެރިއަރުގައި، ޗެމްޕިއަންސް ލީގް ގައި އޭނާ އަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބެވެ. ދެހާސް ހަތް ވަނަ އަހަރު، ސީނިއާ ކޯޗިން ކެރިއަރުގައި ނިކުތް ގާޑިއޯލާ ވަނީ މިގެ ކުރިން ކޮންމެ ފަހަރަކު ދެ ވަނަ ބުރު ފަހަނައަޅައި ގޮސްފަ އެވެ.

ނަމަވެސް މިފަހަރު، ދެރަ ލިބިއްޖެ އެވެ. ދެ ވަނަ ބުރަށް ވުރެ އިތުރަށް ފިޔަވަޅެއް ނޭޅުނެވެ. ރޭގެ މެޗުގައި މައްސަލަ ދިމާވީ، ގާޑިއޯލާ ޓެކްޓިކްސް ތަކުގަ އެވެ. މޮނާކޯގެ ފަރާތުން ފާހަގަ ކުރެވުނީ ވަރުގަދަ އެޓޭކިން ގޭމެކެވެ. މެޗަށް ނިކުތުމުގެ ކުރިން ގަޑިއޯލާ ވެސް ވާހަކަ ދެއްކީ، ސިޓީން އިން ވަރުގަދަ އެޓޭކިން ގޭމެއް ކުޅެގެން ނޫނީ، މޮނާކޯ އަތް ދަށުން ކާމިޔާބު ނުވާނެ ވާހަކަ އެވެ. ނަމަވެސް ކަން ދިމާވީ އޭގެ އިދިކޮޅަށެވެ.

ގާޑިއޯލާގެ ފުރަތަމަ 11 ގައި މައްސަލަ

މިއަށްވުރެ ރަނުގެ އެހެން ފުރުސަތެއް ޗެމްޕިއަންސް ލިގު ކާމިޔާބު ކުރަން މެން ސިޓީ އަކަށް ނުލިބޭނެކަން ގާޑިއޯލާ ބުނީ އަމިއްލަ އަށެވެ. ނަމަވެސް، މެޗަށް ނެރުނު ފުރަތަމަ 11 ގައި މައްސަލަ އުޅުނު ކަން، ބެންޗުގައި ހުރެފައި ކާޕެޓްގެ އެންމެ ދުރު ހިސާބަށް ގޮސް ކުޅުންތެރިންނަށް އަތުން އިޝާރާތްކޮށް، ގާޑިއޯލާ އުޅުނު ގޮތުންވެސް އެނގެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ފެނާންޑިނިއޯ އަށް ދިނީ އަރިމަތީ ޑިފެންސިވް ރޯލެވެ. އެ ވަޒިފާ އޭނާ ވަރަށް ރަނގަޅަށް އަދާ ކުރި އެވެ. ނަމަވެސް ރޭ ކުޅުނު މެޗުގައި، ފެނާންޑިނިއޯ ދިނީ ޑިފެންސިވް މިޑިފީލްޑަރެއްގެ ރޯލެވެ. ފުރަތަމަ ލެގް މެޗުގައި، އެ މަގާމު އަދާ ކުރީ ޔާޔާ ޓޯރޭ އެވެ. ނަމަވެސް ކުޅުންތެރިޔާ ބަދަލުވެ ރޯލް ތަފާތު ވުމުން މައްސަލަ އުފެދުނީ އެވެ. މޮނާކޯގެ ފުރަތަމަ ދެ ގޯލް ޖެހުމުގައި، ސިޓީގެ ޑިފެންސުން ހެދުނު މިސްޓޭކް ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.

ސްޓާލިން މާ އަވަހަށް ވަރުބަލި ވެއްޖެ

ރަހީމް ސްޓާލިން އާއި ސަނޭ އަކީ، ލީގް މެޗުތަކުގައި ގަޑިއޯލާގެ އެންމެ ބޮޑު އިތުބާރެއް އޮތް ދެ ކުޅުންތެރިން ނެވެ. އެ ދެ ކުޅުންތެރިންގެ ދެމެދަށް ބްރެޒިލްގެ ގެބްރިއަލް ޖީސަސް ފައްތާލުމުން، އެ ތިން ކުޅުންތެރިންގެ ކޮމްބިނޭޝަން މާ ފުރިހަމަ އެވެ. ނަމަވެސް، ގެބްރިއަލް ޖީސަސްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އޭނާ ހުރީ، އިންޖަރީގަ އެވެ. ނަމަވެސް، ލިއޮރީ ސަނޭގެ ރޯލް އޭނާ ރަނގަޅަށް އަދާ ކުރި އެވެ. މައްސަލަ ދިމާވީ، ރަހީމް ސްޓާލިން ހުރި ފަޅި އެވެ. ހަމަލާ އުފެއްދުމުގައި ދެ ފަރާތް އެއްވަރަށް ހިއްސާ ނުވެވުމުން، ނަތީޖާ އަށް ބުރު އެރީ އެވެ.

ދެން އަނެއް ކަމަކީ، މޮނާކޯގެ ކޯޗް ލިއަނާޑޯ ޖާޑިމް، އެޓީމުގައި ބިނާ ކޮށްފައި އޮތް އެޓޭކިން ފޯސްއިން، ދެއްކި ޕާފޯމަންސުން ފުރަތަމަ ލެގް މެޗުގައި، ގާޑިއޯލާގެ ބޭނުންކުރި، ޓެކްޓިކްސްތައް ދަސްކޮށްފައި ހުރިކަން އެނގެ އެވެ. ގާޑިއޯލާ ހަމަލާތައް ނުއުފައްދައި، މަޑުޖެހިލައިގެން ޑިފެންސަށް ސަމާލުކަން ދީގެން ތިބި ނަމަ، މެޗު ސަލަމަތް ކުރެވުމުގެ ފުރުސަތު އޮތެވެ. ޖާޑިމް ހުރީ އެކަން ދެނެގެންނެވެ. އެހެންވެ ސިޓީގެ ޑިފެންސް ފުނޑާލަށް އޭނާ ބޭނުން ކުރީ، ގަޑިއޯލާ އަށް އެޅުނު ކަތި ފިޔަވަޅެއްގެ ފައިދާ އެވެ.