ރާއްޖޭގެ ތްރީ އޭ ކުންފުނިން ނ. ކުޑަފަނުރުގައި ހިނަގްމުން ގެންދާ މަޝްހޫރު ޒިޓާލީ ރިސޯޓު ވިއްކާލަން އިއުލާނުކޮށްފި އެވެ.
މި ރިސޯޓު ވިއްކާލަން ހަވާލުކޮށްފައިވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ރިސޯޓްތައް އެކި ފަރާތްތަކަށް ވިއްކުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ "ޖޭ އެލެއެލް ހޮޓެލް އެންޑް ހޮސްޕިޓާލިޓީ ގްރޫޕް" އާ އެވެ.
މި ގްރޫޕުގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ނިތެން އެރިކެން ވިދާޅުވި މި ރިސޯޓު ގަންނަ ފަރާތަކަށް މިއީ ރަނގަޅު އިންވެސްޓްމަންޓަކަށް ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ޓޫރިޒަމް ކުރިއަރަމުން އަންނަ އިރު ގިނަ ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ޕްރޮޕަޓީ އަކީ ރާއްޖޭގެ ޓޫރިޒަމް ސެކްޓާގެ ތެރޭގައި އިންވެސްޓްމަންޓްތަކެއް ފެށުމަށް ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޒިޓާލީ ކުޑަފުނަފަރު ރިސޯޓްސް އެންޑް ސްޕާ ހުޅުވާފައިވަނީ 2008 ވަނަ އަހަރެވެ. ކުޑަފުނަފަރު ރިސޯޓުގައި 50 ކޮޓަރި ހުރެ އެވެ. މީގެ ތެރެއިން 30 ކޮޓަރި ހަދާފައިވަނީ މޫދުގަ އެވެ.
ރައްޔިތުން މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރުން މީގެ ކުރިން ކުރެއްވި އަހުމަދު ހަމްޒާގެ، ތްރީއޭ ކުންފުނިން އެ ރިސޯޓް ބިމު ކުއްޔާއި އެހެން ވެސް ފައިސާ ނުދައްކައިގެން މީރާ އިން އެ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އާދެ އެވެ. އަދި އެ ރަށުގެ އެގްރިމަންޓް ބާތިލް ކުރަން ސަރުކާރުން އެކި ފަހަރުމަތިން މަސައްކަތް ވެސް ކޮށްފައިވެ އެވެ. ތްރީއޭ އިން އަދި އިތުރު ރިސޯޓެއް ހިންގަމުން އާދެ އެވެ. އަދި ރިސޯޓް ހެދުމަށް ގިނަ ރަށްތަކެއް ނަގާފައިވާ އިރު، އޭގެ ތެރެއިން ގިނަ ރަށްތައް ހުރީ ނުހެދި އެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ ބޮޑު ދެ ރިސޯޓެއް ވިއްކާލުމުގެ މުއާމަލާތްތަކުގައި ވެސް އެ ކުންފުނި ވަނީ މެދުވެރިއެއްގެ ރޯލް އަދާކޮށްފަ އެވެ. އަދި ލޯނެއް ނުދައްކައިގެން ބީއެމްއެލް އިން ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނަ ރީތި ބީޗް ރިސޯޓް ވިއްކާލުމުގެ ކަންކަމުގައި ވެސް ކޮންސަލްޓެންސީ ދެނީ އެ ގްރޫޕުން ކަމަށް އެގިފައިވެ އެވެ.