ވިޔަފާރި

ޓްރެވަލް އެވޯޑްގެ ހާއްސަ ބައެއް ޓީޓީއެމް ގާލާ ނައިޓްގައި!

Mar 19, 2017
  • ޓްރެވަލް ދާއިރާއަށް ހާއްސަ އެވޯޑެއް ދޭނެ
  • އެވޯޑު ދިނުން އޮތީ 13 ވަނަ ދުވަހުގެ ރޭ
  • ޓީޓީއެމްއަކީ ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ހާއްސަ ވަނަ ތަކެއް، މި އަހަރު އޮންނަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގާލާ ނައިޓްގައި ދޭން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (މަޓާޓޯ) އިން ޓޫރިޒަމް އިންޑަސްޓްރީއަށްދޭ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ މި ހާއްސަ ބައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރު ރާއްޖޭގައި އޮންނަ ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ ޓީޓީއެމް ފެއާގަ އެވެ.

ރާއްޖޭގެ ޓްރެވަލް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ މި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ބާއްވަނީ އަދާރަން ރިސޯޓުގައި މި އަހަރުގެ ޖުލައި 13 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ހާއްސަ ބައެއް ބޭއްވުމަށް އިއުލާނުކޮށްފައިވާއިރު، މި އެވޯޑަށް ކުރިމަތިލާ ފަރާތްތަކަށް ނޮމިނޭޝަންތައް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިކަން އިއުލާނު ކުރެއްވީ މިމަހު ޖަރުމަނުގެ، ބާލިންގައި ބޭއްވި އައިޓީބީ ފެއާގަ އެވެ.

ޓްރެވަލް ދާއިރާ އަށްދޭ އެންމެ ޝަރަފުވެރިއެއް އެވޯޑު ކަމަށްވާ، މޯލްޑިވްސް ޓްރެވަލް އެވޯޑު ފުރަތަމަ ދީފައިވަނީ 2012 ވަނަ އަހަރު އެވެ.

ދިވެހި ޕީއާރު ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ގެޓަވޭސްއިން މި ފެއާ ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ހަތަރު ވަރަށް އަހަރުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން ގެނެސް، ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުމެވެ. މި ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓު/ ޓޫރިސްޓު ހޮޓާތަކުގެ އިސްވެރިންނާއި 50 ނޫސްވެރިން އަދި ޕީއާރު ފާމްތަކުން މި ފެއާގައި ބައިވެރި ވާނެ އެވެ. މީގެ އިތުރުން މި ފެއާއަކީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި މަޓީ ފަދަ ޖަމިއްޔާތައް އެންޑޯޒްކޮށްފައިވާ ފެއާ އެކެވެ.

ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާގެ އެއް މީޑިޔާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.