ފިނިޕޭޖް

ނޯޓީ 40: މިހާރު ތައްޔާރުވަނީ ކުރީގެ މަންޒަރުތަކަށް

އަހަރުގެ ބޮޑު ފިލްމަށް ވާނެ ފިލްމެއް ކަމަށް ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ސިފަކުރާ "ނޯޓީ 40" ގެ މަންޒަރުތައް ށ. މިލަންދޫގައި ނަގާ ނިންމާލުމަށްފަހު މާލޭގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތައް ނެގުމަށް ފިލްމު ކްރޫ މިހާރު މިވަނީ ތައްޔާރުވެފަ އެވެ. ފިލްމުގެ 90 ޕަސަންޓް ޝޫޓިން މިހާރުވަނީ ނިމިފަ އެވެ. ބާކީ އޮތީ މާލޭގައި ނަގަން ހަމަޖެހިފައިވާ މަންޒަރުތަކެވެ.

މިދިޔަ އަހަރު ހެއްވާލައިގެން ނިންމާލާ ހިނިތުންވުމާއެކު އާ އަަހަރު ފަށައިދިން ފިލްމު "ބައިވެރިޔާ"ގެ ޕްރޮޑަކްޝަން ޓީމް އެންވިޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާ ދެވަނަ ފިލްމަށް މި ފިލްމުވާއިރު ފިލްމުގައި ދެ ދުވަސްވަރެއް ފެނިގެންދާނެ އެވެ. މި ފިލްމުގައި ފެނިގެންދާނީ އުމުރުން 40 އަހަރުން މަތިވެފައިވާ ބަޔަކަށް ދިމާވާ ކަންތައްތަކެކެވެ. އުމުރުން 40 އަހަރުން މަތީގެ ރޯލު ކުޅޭ ސީޒަން، ޔޫއްޕެ އަދި ސައީދުގެ ދެ ރޯލެއް ފެނިގެންދާނެ އެވެ. އެއީ އެމީހުންގެ އުމުރުން 22-26 އަހަރުގެ މަންޒަރުތަކެކެވެ.

މާލޭގައި ނަގަން ޖެހޭ މަންޒަރުތައް މި ހަފްތާގެ ތެރޭގައި ނަގަން ފަށާނެ އެވެ. ނަމަވެސް ތިން މަންޒަރު ނެގުމަށްފަހު ފިލްމުގެ ޝޫޓިން ދޮޅު މަސް ދުވަހަށް މެދުކަނޑާލާނެ އެވެ. ބްރޭކަށްފަހު ނަގާނީ ޔޫއްޕެ، ސައީދު އަދި ސީޒަންގެ ޒުވާން ދުވަސްވަރުގެ މަންޒަރުތަކެވެ.

ފިލްމުގެ ކްރޫއިން މިހާރުދަނީ އިތުރު ކަންތައްތަކަކަށްވެސް ތައްޔާރުވަމުންނެވެ. އެއީ ފިލްމުގެ ޓީޒާ ލޯންޗު ކުުރުމަށެވެ. މި ފިލްމުގައި ލޯތްބާއި އަސަރުވެސް ފެނިގެންދާނެ އެވެ.

މި ފިލްމުން 18 ތަރިން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ޔޫއްޕެ، އަހްމަދު ސައީދު އާއި އޭނާގެ އަންހެނުން ފާތިމަތު އާޒިފާ (އަޒޫ)، އަލީ ސީޒަން، މުހައްމަދު މަނިކު، ނިއުމާ މުހައްމަދު، އަލީ އާޒިމް (ދޮން އައްޔަ)، އިބްރާހިމް ޖިހާދު (ޖިމީ) ފެނިގެންދާނެ އެވެ. އަދި މަރިޔަމް އައްޒަ، މުހައްމަދު ރިފްޝާން (ރިއްޕެ) އަދި އުމަރު އަޝްފާގް، އަރްޝަމް، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު ޝަރީފް، ގުލިސްތާނު ވެސް ފެނިގެންދާނެ އެވެ. އަދި ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ" އިން ފެނިގެން ދިޔަ މާރިއާ ތެރީސާވެސް ފެނިގެންދާނެ އެވެ. މި ފިލްމުން ފެންނަ އަހްމަދު ޝަރީފް އަދި ގުލިސްތާނަކީ އަލަށް މި ދާއިރާއަށް ނުކުންނަ ތަރިން ތަކެކެވެ. ނުޒުހަތުގެ ހުނަރު "މަލިކާ" އިން މިވަނީ ފެނިގެން ގޮސްފަ އެވެ.

މި ފިލްމު ބެލުންތެރިންނަށް ފެންނާނީ އޯގަސްޓް މަހުގެ ދެ ވަނަ ދުވަހު އެވެ.