ދުނިޔެ

މަތިންދާބޯޓެއް 148 މީހުންނާ އެކު ވެއްޓިއްޖެ، އެކަކު ވެސް ސަލާމަތް ވާނެ ކަމަށް ނުބެލެވޭ

Mar 24, 2015

ޖަރުމަންގެ ޖާމަންވިންގްސް އެއާލައިންގެ މަތިންދާބޯޓެއް 148 މީހުންނާ އެކު ފްރާންސްގެ އުތުރުގެ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.

އެއާބަސް އޭ320 މަރުކާގެ މި ބޯޓުން ދަތުުރުކުރީ 142 ފަސިންޖަރުންނާއި ހަ ފަޅުވެރިންނެވެ. ފްލައިޓް 4U9525 ވެއްޓިފައި ވަނީ ސްޕެއިންގެ ބާސެލޯނާ އިން ޖަރުމަނުގެ ޑުސެލްޑޯފް ސިޓީ އަށް ދަތުރުކުރަނިކޮށެވެ.

ޖާމަންވިންގްސް އަކީ ލުފްތަންސާ އިން ޖަރުމަނުގައި އޮޕަރޭޓްކުރާ ބަޖެޓް އެއާލައިނެކެވެ.

ފްރާންސްގެ ރައީސް ފްރަންސްވާ އޮލާންޑް ވިދާޅުވީ މި އެކްސިޑެންޓް ހިނގި ކަމަށް ބެލެވޭ ގޮތަށް ބަލާއިރު ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވެފައި ވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ބޯޓު ވެއްޓިފައި ވަނީ ފްރާންސްގެ އެލްޕްސް ފަރުބަދަތަކުގެ ސަރަަހައްދަށެވެ. ރައީސް ވިދާޅުވީ ބޯޓު ހޯދައި އެހީގެ މަސައްކަތް ކުރިއަށް ގެންދަން އެ ހިސާބަށް ދިއުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.

އޭއެފްޕީން ބުނި ގޮތުގައި ބޯޓު ވެއްޓުމުގެ ކުރިން ވަނީ އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ކަމުގެ ސިގްނަލް ފޮނުވައިފަ އެވެ. ނަމަވެސް ބޯޓަށް ވީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. ވައިގެ މަގުން ބެލި ބެލުމުގައި ބޯޓުގެ ބައިތައް ވެސް މިހާރު ވަނީ ފެނިފަ އެވެ.