އިންޑިއާގެ ނެޝަނަލް އެވޯޑްސް 2014 އިއްޔެ އިއުލާން ކުރިއިރު، ބެސްޓް އެކްޓްރެސްގެ އެވޯޑް ކަންގަނާ ރަނޯތު އަށް ލިބިއްޖެ އެވެ.
ކަންގަނާ އަށް ނެޝަނަލް އެވޯޑު ލިބުނީ ޑައިރެކްޓަރު ވިކާސް ބަލްގެ ”ކުއީން" އަށެވެ. މީގެ އިތުރުން މި ފިލްމަށް ވަނީ ބެސްޓް ހިންދީ ފިލްމުގެ އެވޯޑްވެސް ލިބިފަ އެވެ.
ޕްރިޔަންކާ އާއި ވާދަކޮށްގެން ކަންގަނާ އަށް ނެޝަނަލް އެވޯޑް ލިބުނު މިއީ ދެވަނަ ފަހަރެވެ.މީގެ ކުރިން ކަންގަނާ އަށް ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑް 2008 ވަނަ އަހަރު ނުކުތް "ފެޝަން" އިން ލިބިފަ އެވެ.
މީގެ އިތުރުން ބެސްޓްް އެކްޓަރުގެ އެވޯޑް ލިބުނީ ކަންނާޑާ އެކްޓަރެއް ކަމަށްވާ ވިޖޭ އަށެވެ. ވިޖޭ އަށް ނެޝަނަލް އެވޯޑް ލިބުނީ ޑައިރެކްޓަރުން ބީ.އެސް. ލިންގަޑެވަރު އުފެއްދި "ނާނު އަވަނައައްލަ ަވަލު" ކިޔާ ފިލްމަކުންނެވެ.
އިއްޔެ އިއުލާން ކުރި ނެޝަނަލް އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވިޖޭ ގެންދިޔައީ ޝާހިދު ކަޕޫރު އާއި އާމިރް ޚާން އާއި ވާދަކޮށްގެންނެވެ.
އެންމެ މޮޅު އެކްޓަރުގެ އެވޯޑް ޝާހިދަށް ނުލިބުނު ކަމުގައި ވިޔަސް، ޝާހިދު ލީޑް ރޯލުން ފެނިގެން ދިޔަ "ހައިދަރު" އަށް ވަނީ އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑް، ބެސްޓް ޑައިލޮގް އެވޯޑް، ބެސްޓް ކޮސްޓިއުމް ޑިޒައިނާގެ އެވޯޑް، ބެސްޓް މިއުޒިކް ޑްއިރެކްޝަން އެވޯޑްގެ އިތުރުން ބެސްޓް ކޮރިއޮގްރަފީގެ އެވޯޑް ލިބިފަ އެވެ.
ކަންގަނާއާ ވާދަކޮށް ބެސްޓް އެކްޓްރެސްގެ އެވޯޑް ޕްރިޔާންކާ އަށް ނުލިބުނު ކަމުގައި ވިޔަސް، "މެރީ ކޮމް:އަށް ވަނީ މޮސްޓް ޕޮޕިއުލާ ފިލްމުގެ އެވޯޑް ލިބިފަ އެވެ.
ބާކީހުރި އެވޯޑްތައް ދިޔައީ ހިންދީ ނޫން ބަސް ބަހުން ކުޅެފައިވާ ފިލްމްތަކުގައި ހަރަކާތްތެރިވި ފަންނާނުންނަށެވެ.އެގޮތުން ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑް ޓެމިލް އެކްޓަރު ބޮބީ ސިމްހާ އަށް ލިބިގެން ދިޔައިރު ބެސްޓްސަޕޯޓިންގ އެކްޓްރެސްގެ އެވޯޑް ލިބިފައިވަނީ ހަރްޔަނަވީ އެކްޓްރެސް ބަލްޖިންދަރު ކޯރް އަށެވެ.
62ވަނަ ނެޝަނަލް ފިލްމް އެވޯޑްސްގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 3ވަނަ ދުވަހު އެވެ.