ބޭރު ކުޅިވަރު

ލިވަޕޫލް އަތުން ސިޓީއަށް ޕޮއިންޓެއް، ގާޑިއޯލާ ހިތްހަަމަޖެހިފައި

Mar 20, 2017

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗު 1-1 އިން އެއްވަރުވި ނަމަވެސް، އެއީ ކެރިއަރުގައި ހާއްސަ މެޗެއްގެ ގޮތުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ސިފަކޮށްފި އެވެ.

މެޗުގެ 51 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލްގެ ޖޭމްސް މިލްނާ އެ ޓީމަށް ލީޑު ހޯދައިދީފައި ވަނިކޮށް، ސިޓީން މެޗުގެ 69 ވަނަ މިނިޓުގައި ނަތީޖާ އެއްވަރުކުރީ ސާޖިއޯ އަގުއޭރޯ ޖެހި ލަނޑުންނެވެ.

ކޯޗިން ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގާޑިއޯލާ ބުނީ މި މެޗަކީ އޭނާގެ ކެރިއަރުގައި ވަރަށް ހާއްސަ މެޗެއް ކަމަށެވެ. އެހެން ގާޑިއޯލާ ބުނި ސަބަބަކީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފުތާގައި މޮނާކޯ އަތުން ސިޓީ ބަލިވެ އެ ޓީމު އެ މުބާރާތުން ކަޓާފައިވަނިކޮށް، އެ ނާކާމިޔާބީ ހަނދާން ނައްތާލާ ސިޓީގެ ކުޅުންތެރިންގެ ރޭގެ މެޗުގައި ކުރި ހިތްވަރެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ވެސް ވަރަށް ހާއްސަ ދުވަހެއް،" ގާޑިއޯލާ ބުންޏެވެ. "ފަހުރުވެރިވަން ޓީމާމެދު. ޗެމްޕިއަންސް ލީގުން ކެޓުމަކީ އަހަރެެމެންނަށް ހަޖަމް ކުރަން ވަރަށް އުނދަގޫވި ކަމެއް. ލިވަޕޫލަށް ލިބުނު ހަފުތާއެއް މި މެޗަށް ތައްޔާރުވާން. އަނެއްކާ ލިވަޕޫލަކީ އަބަދު ވެސް އެންމެ ފަހު ސިކުންތާ ޖެހެންދެން ހިތްވަރުކުރާ ޓީމެއް. މި ހުރިހާ ސަބަބަކާ ހެދި މި މެޗުގައި ޓީމުން ދެއްކި ކުޅުމާމެދު އަހަރެން ހިތްހަމަޖެހެނީ."

އެވަޓަން އިން ބޮޑު އަގުގައި ސިޓީ އަށް މި ސީޒަންގައި ބަދަލުވި ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗަށް ފަހު ގާޑިއޯލާ ވަނީ ސްޓޯންގެ ކުޅުން ފާހަގަކޮށް، އޭނާ އަށް ތައުރީފްކޮށްފަ އެވެ.

ލީގުގައި ރޭ މިޑްލްސްބަރާ އަތުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ސައުތުހެމްޓަން އަތުން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވީ 2-1 އިންނެވެ.