ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ، ވެލެންސިއާގެ މައްޗަށް 4-2 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދެ ވަނައިގައި އޮތް ބާސެލޯނާއިން، އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި އެވެ.
އަދި ރޭ، ތާވަލުގެ ތިން ވަނައިގައި އޮތް ސެވިއްޔާގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެތުލެޓިކޯ މެޑްރިޑުން ވަނީ، ތިންވަނަ މަގާމާ ދެ ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ.
ބާސާއާ ވެލެންސިއާ ކުޅުނު މެޗުގައި، ފުރަތަމަ ލީޑް ނެގީ ވެލެންސިއާ އިން ނެވެ. މެޗުގެ 29 ވަނަ މިނެޓްގައި ވެލެންސިއާއަށް ލީޑް ނަގައިދިނީ، އިލިއާކިމް މަންގާލާ އެވެ. ނަމަވެސް އޭގެ ހަ މިނެޓް ފަހުން، ލުއިސް ސުއަރޭޒް ވަނީ، ބާސާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗުގެ 44 ވަނަ މިނެޓްގައި، ވެލެންސިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން، ސުއަރޭޒްއަށް މަންގާލާ ކުރި ފައުލާ ގުޅިގެން، އޭނާއަށް ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު، ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ސުއަރޭޒް އަށް ކުރި ފައުލާ ގުޅިގެން، ލިބުނު ޕެނަލްޓީ ގައި، ބާސާ އަށް ލީޑް ނަގައިދިނީ، ލިއޮނަލް މެސީ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތުގައި، ކުރިން ބާސާ އަށް ކުޅުނު މުނީރު އަލް ހައްދާދީ ވަނީ، ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިފަ އެވެ.
ދެ ވަނަ ހާފުގައި ބާސާއިން ދެ ލަނޑު ޖަހައި، ނަތީޖާ 4-2 ށް ބަދަލު ކޮށްލާފަ އެވެ. ލަނޑުތައް ޖެހީ، މެސީ އާއި އެންޑްރޭ ގޯމޭޒް އެވެ.
ބާސެލޯނާ ދެ ވަނައިގައި އޮތީ 63 ޕޮއިންޓް ހޯދައިގެން ނެވެ. ރެއާލް އަށް 65 ޕޮއިންޓެވެ.
ރޭ ސެވިއްޔާ އާ ދެކޮޅަށް އަމިއްލަ ދަނޑުގައި، ކުޅުނު މެޗުގައި، އެތުލެޓިކޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޑިއޭގޯ ގޮޑިން އެވެ.
ދެ ވަނަ ލަނޑު އެންޓޯނިއޯ ގްރީޒްމަން އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ، ކޯކް އެވެ. ސެވިއްޔާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ވޮކިން ކޮރެއާ އެވެ. ސީޒަންގެ ފުރަތަމަ ހާފުގައި، މި ދެޓީމު ކުޅުނު މެޗު ކާމިޔާބު ކުރީ ސެވިއްޔާއިން ނެވެ.
ސެވިއްޔާ ދެ ވަނައިގައި އޮތީ، 57 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ އެމެޗުން މޮޅުވެ ލިބުނު ތިން ޕއޮިންޓާއެކު އެޓީމަށް ވަނީ 55 ޕޮއިންޓް ލިބިފަ އެވެ.