ކުޅިވަރު

މުލާގެ 250 ވަނަ މެޗާއެކު، ބަޔާން، ޗެމްޕިއަންކަމާ ގާތަށް

Mar 20, 2017

ޖަރުމަންގެ ބުންޑެސް ލީގާގައި، ތޯމަސް މުލާ ކުޅުނު 250 ވަނަ މެޗުގައި އޭނާ ކާމިޔާބު ކުރި ލަނޑު ބްރޫޝިއާ މޮންޗެން ގްލެބާކްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ލީގް ޗެމްޕިއަންކަމާ ގާތަށް، ބަޔާން މިޔުނިކް ޖެހިލައިފި އެވެ.

ބަޔާން އާއި ދެ ވަނައިގައި އޮތް އާރްބީ ލެޕްޒިގްއާ ދެމެދު 13 ޕޮއިންޓްގެ ބޮޑު ފަރަގެއް އެބައޮތެވެ. ބަޔާން މިވަނީ، ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ލީގް ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލާފަ އެވެ.

މެޗުގެ 63 ވަނަ މިނެޓްގައި، މުލާ ލަނޑު ޖެހީ، ތިއާގޯ އަލްކަންޓާރާ ދިން ފުރުސަތަކުން ނެވެ. މިއީ ލީގްގައި، މުލާ ކާމިޔާބު ކުރި 93 ވަނަ ގޯލެވެ. ގްލެބާކްގެ ދަނޑުގައި، ބަޔާން އަށް ކުރިމަތިވީ އުނދަގޫ މެޗެކެވެ. އެޓީމުގެ ކޯޗް ކާލޯ އަންޗެލޯޓީ ވެސް ވަރަށް ބޮޑަށް އެކަން ފާހަގަ ކޮށްފަ އެވެ.

"ފުރަތަމަ ހާފު، އަހަރެމެން ވަނީ ވަރަށް ރަނގަޅަށް ކުޅެފައި، ދެ ވަނަ ހާފު ދިޔައީ ވަރަށް އުނދަގޫ ކޮށް، ގްލެބާކުން ވަނީ އަހަރެމެންނަށް ވުރެ ރަނގަޅަށް ކުޅެފައި، އެމީހުން ކުޅުނީ އަވަސް ކައުންޓަ އެޓޭކް ގޭމެއް، އަދި އަހަރެމެންނަށް ވެސް މައްސަލަ ކުރިމަތިވި." އަންޗެލޯޓީ ބުންޏެވެ.

ބަޔާން އެއް ވަނައިގައި އޮތީ 62 ޕޮއިންޓާ އެކު އެވެ. ލެޕިޒް އަށް 49 ޕޮއިންޓެވެ. ވާދަވެރި ބްރޫޝިއާ ޑޯޓަމަންޑް އޮތީ 46 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގަ އެވެ.