ވިޔަފާރި

400 ކޮޓަރީގެ ހޮނޑާފުށި އަންނަ މަހު ހުޅުވަނީ

  • ފުރަތަމަ ހުޅުވަނީ 80 ކޮޓަރި
  • އިންވެސްޓްމަންޓް 150 މިލިއަން ޑޮލަރު
  • ކޮންމެ އަހަރަކު 100 އެނދު

ހަތަރު ސަތޭކަ ކޮޓަރި ހިމެނޭ ހދ. ހޮނޑާފުށި އަންނަ މަހު ހުޅުވާނެ ކަމަށް ރިސޯޓު ތަރައްގީކުރާ ތްރީއޭ ކުންފުނިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ތްރީއޭ ކުންފުނީގެ ޑިރެކްޓަރު މޫސާ ޝިޔާމް ވިދާޅުވީ އަންނަ މަހު ހުޅުވާ ހޮނޑާފުށި ރިސޯޓުގައި 400 ކޮޓަރި ހުންނައިރު، ރިސޯޓުގެ ކޮޓަރިތައް ހުޅުވަމުން ގެންދާނީ ފިޔަވަހި ތަކަށް ބަހާލައިގެން ކަމަށެވެ. ކޮންމެ އަހަރަރު ވެސް 100 ކޮޓަރި އަޅައި ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުރަތަމަ ހުޅުވާނީ 80 ކޮޓަރި ކަމަށާއި އެއީ ގާތްގަނޑަކަށް 162 އެނދު ކަމަށެވެ.

"މި ރިސޯޓަކީ މުސްތަގުބަލުގައި 400 ކޮޓަރި ހުންނާނެ ރިސޯޓެއް. އެކަމަކު މިތަން މި ހުޅުވަނީ ފޭސް ބައި ފޭސް ބަހާލައިގެން. ގާތްގަނޑަކަށް ފަސް އަހަރު ތެރޭގައި 400 ކޮޓަރިން ހިދުމަތް ދޭން ފަށާނެ. މި ރިސޯޓު ހުޅުވުމަކީ ވިޔަފާރީގެ ނަޒަރުން ބަލާނަމަ އަޅުގަނޑުމެންނަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާތްގަނޑަަކަށް 150 މިލިއަން ޑޮލަރުގެ ހަތަރު ތަރީގެ ރިސޯޓެއްގެ ގޮތުގައި ހުޅުވި ނަމަވެސް މިތަނުން ފަސް ތަރީގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބަލާނީ ފަސް ތަރީގެ ސާވިސް ދިނުމަށް. ފުރަތަމަ ފިޔަވަހީގައި މި ހުޅުވަނީ ރެސްޓޯރެންޓާއި ފޫލް ހިމެނޭ ގޮތަށް ތިން އައުޓްލެޓާއި ސްޕާ އަދި ކޮފީ ޝޮޕާއެކު،" މޫސަ ވިދާޅުވި އެވެ.

"ގިނަ ބައެއްގެ މަސައްކަތުން ރިސޯޓުގެ ހުޅުވިގެން މިދަނީ. ދުވާލާއި ރޭގަނޑުގެ މަސައްކަތުން މިދަނީ. ހާއްސަކޮށް އަޅުގަނޑުމެން ފަދަ ލޯކަލް ކުންފުނިތައް. އަޅުގަނޑުމެން ލިބޭ އެއްޗަކުން ރިސޯޓުގެ މަސައްކަތް ކުރަމުން މިދަނީ،" މޫސަ ވިދާޅުވި އެވެ.

ތްރީއޭ ކުންފުނިން މިހާރުވެސް ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުންދެ އެވެ. މި ހަތަރު ރިސޯޓަކީ މެދުފުށި އައިލެންޑް ރިސޯޓާއި ފިލިތެޔޮ އައިލެންޑް ރިސޯޓު އަދި ބަތަލާ އައިލެންޑް ރިސޯޓުގެ އިތުރުން ޒިތާލީ މޯލްޑިވްސް ރިސޯޓެވެ.