ދެ ރަށެއްގެ ސްކޫލްގައި ކްލާސްރޫމް އަޅަން 18.9 މިލިއަން ރުފިޔާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.
ނައިފަރު މަދުރަސަތުލް އިފްތިތާހާއި ލ. މާވަށު ސުކޫލުގައި އަލަށް ހަދާ ކުލާސްރޫމްތަކާއި، ސްޓާފްރޫމާއި، އޭވީ ރޫމް އަދި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ސީނިއާ ޕޮލިސީ އެގްޒެކެޓިވް، އިބްރާހިމް އިސްމާއީލް އަލީ އެވެ. އެމްއާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓާ މުހަންމަދު ނިމާލެވެ. މި ޕްރޮޖެކްޓްގައި ސޮއި ކުރީ އެޑިއުކޭޝަންގެ މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އިފްތިތާހުގައި 10 ކްލާސްރޫމާއި ސްޓާފް ރޫމަކާއި އޭވީ ރޫމެއް އަޅާނެ އެވެ. މި މަސައްކަތަށް 9.9 މިލިއަން ރުފިޔާ ހޭދަ ކުރާއިރު އެމްއާރްޑީސީން ބުނީ ނުވަ މަސް ދުވަހުން މަސައްކަތް ނިންމާނެ ކަމަށެވެ. މާވަށު ސްކޫލްގައި އަޅަނީ ފަސް ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލް އެކެވެ. މާވަށު މަސައްކަތަށް އަރަނީ 8.6 މިލިއަން ރުފިޔާ އެވެ. އެ ސްކޫލުގެ މަސައްކަތް 215 ދުވަހުގެ ތެރޭގައި ނިންމާނެ އެވެ.
ނިމާލު ވިދާޅުވީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިފްތިތާހުގެ މަސައްކަތް ނިންމާ އަންނަ އަހަރު ދިރާސީ އަހަރަށް ބޭނުން ކުރަން ލިބޭނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އަންނަ އޮކްޓުބަރު މަހު މާވަށު ސުކޫލުގެ މަސައްކަތް ވެސް ނިންމާނެ ކަމަށެވެ.
މިއަދު މި ސޮއި ކުރި ޕްރޮޖެކްޓާއެކު މިފަދަ 50 ޕްރޮޖެކްޓެއްގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުގައި ކުރިޔަށް އެބަދެ އެވެ. މިނިސްޓްރީން މިއަދު ބުނި ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް މާލެ އާއި އަތޮޅުތަކުގެ ސްކޫލްތައް އަޕްގްރޭޑް ކުރަން 81.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.