އިއްޔެ ވެއްޓުނު ޖާމަންވިންގްސްގެ މަތިންދާބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދީފި އެވެ.
ޖަރުމަނުގެ ލުފްތަންސާ އިން އޮޕަރޭޓްކުރާ ޖަމާންވިންގްސްގެ ބޯޓު 150 މީހުންނާ އެކު ވެއްޓިފައި ވަނީ ފްރާންސްގެ އަލްޕްސް ފަރުބަދަތަކުގެ ތެރެއަށެވެ. ފްރާންސްގެ އިންޓީރިއާ މިނިސްޓްރީން ބުނީ ބޯޓުގެ އެކި ބައިތަކާއި ބްލެކްބޮކްސް ވެސް މިހާރު ފެނިފައިވާ ކަމަށް ބޯޓު ވެއްޓުނު ސަބަބު އަދި ނޭނގޭ ކަމަށެވެ. ނަމަވެސް ބޯޓު ރާޑަރުތަކަށް ގެއްލުނީ ބޯޓު ތިރިއަށް ދާން ފެށިތާ އަށް މިނެޓް ފަހުން ކަމަށް ބުނެފައިވެ އެވެ. އެ ވަގުތު ބޯޓުން އިމަޖެންސީ ސިގްނަލެއް ފޮނުވައިފައެއް ނުވެ އެވެ.
ފްރާންސްގެ އޮފިޝަލުން ވިދާޅުވީ ބޯޓު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ކުދިކުދި ނުވާ އެންމެ ބައެއް ވެސް ނެތް ކަމަށެވެ.
އަގު ހެޔޮ ދަތުރު ކުރުމަށް މަޝްހޫރު ޖާމަންވިންގްސް އަކީ ސަލާމަތީ ކަންކަމުގެ ރެކޯޑްސް ރަނގަޅު އެއާލައިނެކެވެ. ނަމަވެސް އެ އެއާލައިންގެ ކްރޫން ދަތުރު ކުރުމަށް އިންކާރު ކުރަމުން ދާތީ އެ އެއާލައިންގެ ވަރަށް ގިނަ ފްލައިޓްތައް މިހާރު ވަނީ ކެންސަލްކުރަން ޖެހިފަ އެވެ.