ކުޅިވަރު

މެސީ، އިނިއެސްޓާ ބާސާގެ އެއްބަސްވުން އާ ކުރާނެ

Mar 21, 2017

ބާސެލޯނާގެ ކެޕްޓަން އަންދުރޭ އިނިއެސްޓާ އާއި ވައިސް ކެޕްޓަން ލިއޮނަލް މެސީ ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރާނެ ކަމަށް، ބާސާގެ ސްޕޯޓިން ޑިރެކްޓާ ރޮބަޓް ފެނާންޑޭޒް ވިދާޅުވެއްޖެ އެވެ.

މެސީ އާއި އިނިއެސްޓާ ވެސް ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ، އަންނަ އަހަރުގެ ޖުން މަހުގެ ނިޔަލަށެވެ. ބާސާއިން ވަނީ، މި ސީޒަން ފެށުމުގެ ކުރިން، މެސީ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފަ އެވެ. ނަމަވެސް، އޭރު މެސީ ވަނީ، އޭރު އެކަމަށް ނޫނެކޭ ބުނެފަ އެވެ.

ނަމަވެސް ފެނާންޑޭޒް ގަބޫލު ކުރަ ގޮތުގައި، މެސީ އާއި އިނިއެސްޓާ ސޮއި ކުރާކަށް ޓައިމްލައިނެއް ދޭކަށް ނުޖެހެ އެވެ. އެ ދެ ކުޅުންތެރިން ވެސް ބާސެލޯނާގެ އެއްބަސްވުން އާ ކުރާނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ.

"އަހަރެން އަބަދުވެސް ބުނާހެން، މެސީ އެއްބަސްވުން އާ ކުރާނެ، އޭނާ ބާސާގައި ހުރީ އުފަލުން، ބާސާއިން ހުށަހަޅާ ޓާމްތަކާމެދު އޭނާ ހުރީ ހިތްހަމަ ޖެހިގެން، އަދި ބާސާގެ މިއޮތް މާހައުލާ މެދުވެސް އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" އޭނާ ވިދާޅުވި އެވެ. "އަހަންނަށް އެއްވެސް ޝައްކެއް ނެތް، އޭނާ ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރާނެ ކަމާމެދު، އޭނާގެ ލޮލުން އަހަންނަށް ފެންނަނީ ހިތްހަމަޖެހުން،"

އޭނާ ވިދާޅުވީ އިނިއެސްޓާވެސް އެންމެ ރަނގަޅު ވަގުތުގައި ސޮއި ކުރާނެ ކަމަށާއި، ބާސާ ދޫކޮށް ނުދާނެ ކަމަށެވެ. ފެނާންޑޭޒް ވަނީ، ބާސާގެ ކޯޗް ލުއިސް އެންރީކޭއަށް ވެސް އާ ކޮންޓްރެކްޓެއް ހުށަހެޅުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އެންރީކޭ ވަނީ، މި ސީޒަނަށް ފަހު ބާސާ ދުކޮށްލާނެ ކަމަށް ބުނެފަ އެވެ.

ބާސާއިން ދަނީ، އެންރީކޭ ބަދަލުގައި އާ ކޯޗެއް ހޯދަމުން ނެވެ. ބާސާއިން އެކުލަވާލާފައިވާ ލިސްޓްގައި، ބާސާގެ މިހާރުގެ އެސިސްޓެންޓް ކޯޗް ހުއާން ކާލޯސް އުންސުއޭ އާއި އެތުލެޓިކް ބިލްބާއޯގެ ކޯޗް އެރުނީސްޓޯ ވަލްވެރުޑޭ ހިމެނެ އެވެ.

ފެނާންޑޭޒް ބުނީ، އުންސުއޭ އަކީ ބާސާ ބޭނުންވާ ކޮލިޓީ ހުރި ކޯޗެއް ކަމަށާއި ބާސެލޯނާގެ ސިސްޓާމް އޮންނަ ގޮތް އޭނާ އަށް އެނގުމަކީ އޭނާ އާ މެދު އޮތް ޕްލަސް ޕޮއިންޓެއް ކަމަށެވެ. ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ގެންނަން އުޅޭ ވަހަކަތައް ފެނާންޑޭޒް ވަނީ ދޮގު ކޮށްފަ އެވެ.