ފީފާ އިން ގާނާގެ ރެފްރީއެއް އުމުރު ދުވަހަށް ސަސްޕެންޑްކޮށްފި އެވެ. ގާނާގެ ރެފްރީއެއް ކަމަށްވާ ޖޯސެފް ލަމްޕްޓޭ އުމުރު ދުވަހަށް ސަސްޕެންޑްކުރަން ފީފާ އިން ނިންމީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސެނެގާލް އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގައި އޭނާ ދިން ޕެނަލްޓީއަކާ ގުޅިގެންނެވެ.
އެ މެޗުގައި ދެކުނު އެފްރިކާ އަށް ލަމްޕްޓޭ ޕެނަލްޓީއެއް ދިނީ ސެނެގާލްގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައިގައި އަތްލި ކަމަށް ނިންމައިފަ އެވެ. އެކަމަކު ދެކުނު އެފްރިކާގެ ކުޅުންތެރިއެއް ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޖެހެނީ ކުލިބާލީގެ ކަކުލުގައިކަން ޓީވީ ރީޕްލޭތަކުން އެނގެ އެވެ.
އެ ޕެނަލްޓީ ކާމިޔާބުކޮށް ދެކުނު އެފްރިކާ އިން އެ މެޗުގައި ލީޑު ނެގި އެވެ. އެ މެޗު ދެކުނު އެފްރިކާ އިން ކާމިޔާބުކުރީ 2-1 އިންނެވެ.
ފީފާ ލަމްޕްޓޭ ސަސްޕެންޑްކުރީ އެއީ މެޗުގެ ނަތީޖާ އަށް ނުފޫޒު ފޯރުވުމަށް އޭނާ ގަސްދުގައި ދިން ޕެނަލްޓީއެއް ކަމަށް ގަބޫލްކުރެވޭތީ އެވެ. ފީފާ އިން ބުނީ މައްސަލަ ބަލައި ނިމުނުން، މައްސަލައިގެ އިތުރު ތަފްސީލް މީޑިއާ އަށް ހާމަކުރާނެ ކަމަށެވެ.
މިދިޔަ އަހަރު ރިއޯގައި އޮތް އޮލިމްޕިކްސް ގޭމްސްގައި ވެސް ރެފްރީކަން ކުރި ލަމްޕްޓޭ ބުނީ މި ވަގުތު މީޑިއާ އަށް ކޮމެންޓެއް ދޭން ބޭނުންނުވާ ކަމަށެވެ. ފީފާގެ ނިންމުމާ ގުޅިގެން ފީފާ އަށް އެޕީލް ކުރުމާއި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް އަށް މައްސަލަ ގެންދިއުމުގެ ފުރުސަތު ލަމްޕްޓޭ އަށް ވަނީ މިހާރު ހުޅުވިފަ އެވެ.
ލަމްޕްޓޭގެ މައްސަލަ ފީފާ އަށް ހުށަހެޅި ސެނެގާލްގެ ފުޓްބޯލް ފެޑެރޭޝަން އިން ވަނީ ފީފާގެ ނިންމުމާމެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
ގާނާ އަތުން މޮޅުވެ ދެކުނު އެފްރިކާ ވަނީ ކޮލިފައިން ގުރޫޕްގެ ދެވަނަ އަށް އަރައިފަ އެވެ. ސެނެގާލް އޮތީ ތިންވަނައިގަ އެވެ.