ވޯލްޑްކަޕް ކޮލިފައިންގައި ގްރީސްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗާއި، ރަޝިޔާއާ ދެކޮޅަށް ކުޅެން އެކުލަވާލީ، ބެލްޖިއަމްގެ ގައުމީ ޓީމުން، ކެޕްޓަން އެޑެން ހަޒާޑަށް ފުރުސަތު ގެއްލިއްޖެ އެވެ.
ޗެލްސީގެ އެޓޭކިން މިޑްފީލްޑަރަކަށް ކުލެމުން އަންނަ ހަޒާޑަށް، ޓީމުން ފުރުސަތު ގެއްލުނީ، މިދިޔަ ހޮނިހިރު ދުވަހު، ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗަށް، ތައްޔާރުވާން ޗެލްސީއިން ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޕްރެކްޓިސްގައި އޭނާގެ ކުޑަކަޅުވާ މަސްގަނޑަށް އަނިޔާވުމުންނެވެ.
ބެލްޖިއަމްގެ ކޯޗް، ރޮބާޓޯ މާޓިނޭޒް، އުންމީދު ކުރީ، ހަޒާޑަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނުވާނެ ކަމަށެވެ، އެހެންވެ އޭނާ ވަނީ ސްކޮޑްގައި، ހަޒާޑްގެ ނަންވެސް ހިމަނާފަ އެވެ. ޓީމާ ގުޅެން، ހަޒާޑް ބެލްޖިއަމަށް ދިޔަ ނަމަވެސް، ހީކުރި ވަރަށް ވުރެ އަނިޔާ ސީރިއަސް ވުމުން އޭނާ ވަނީ އިތުރު ފަރުވާ ހޯދުމަށް އެނބުރި ލަންޑަނަށް ގޮސްފަ އެވެ.
"އެޑެން [ހަޒާޑް] އަށް އަނިޔާ ވުމަކީ އަހަރެމެންނަށް ކުރިމަތިވި ވަރަށް ބޮޑު މައްސަލަ އެއް، ނަމަވެސް އެއީ ޝައުގުވެރިކަމަކަށް ވެގެންދާނެ، ކިހިނެއްތޯ އަހަރުމެން އޭނާ ނެތްތަން ފޫ ބައްދަނީ،" މީޑިއާއާ ވާހަކަ ދައްކަމުން މާޓިނޭޒް ބުންޏެވެ.
މާޓިނޭޒް ބުނީ ހަޒާޑްގެ އަނިޔާއާ ބެހޭގޮތުން ޗެލްސީއިން ފޯރުކޮށްދިން މައުލޫމާތު ތަކުން، އެހާ ސީރިއަސް ނޫން ކަމަށާއި، ޓީމާ ގުޅެން އޭނާ އައީވެސް އެހެންވެ ކަމަށެވެ.
ކޮލިފައިންގައި، ގްރީސްއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗު އޮންނާނީ، އަންނަ ހޮނިހިރު ދުވަހުގެ ރޭ ރާއްޖޭގަޑިން ދަންވަރު 12:45 ގަ އެވެ. ބެލްޖިއަމް އޮތީ 12 ޕޮއިންޓާއެކު ގުރޫޕް 'އެޗް' ގެ އެއް ވަނަ މަގާމު ގައެވެ.
އެޓީމުން ރަޝިޔާއާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.