ވިޔަފާރި

ދަތުރުދެވޭ ގޮތަށް މާލެ ކައިރިން ފަޅެއް ތަރައްގީ ކުރަން ހުޅުވާލައިފި

Mar 21, 2017
2

ގާތްގަނޑަކަށް 1،000 މީހުންނަށް އެއް ފަހަރާ ދަތުރުދެވޭ ގޮތަށް، ކ. ގަލު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ހުޅުވާލައިފި އެވެ.

ހޯދަން މެދު ފަންތީގެ ޓޫރިޒަމް ފައްކާ ކުރަން އުފައްދާފައިވާ ކުންފުނި، އެމްއައިޓީޑީސީން ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ބިން ހިއްކައިދޭނެ ފަރާތެއް ހޯދަން ހުޅުވާލި ގަލުފަޅު އޮންނަނީ ފޭދޫފިނޮޅާއި ދޫނިދޫ އާ ދެމެދުގަ އެވެ. މި ފަޅު އޮންނަނީ މާލެއިން ފުރައިގެން ދޯންޏެއްގައި 10 މިޓެނުގެ ރާސްތާގަ އެވެ.

މެދު ފަންތީގެ ޓޫރިޒަމް ވިޔަފާރި ކުންފުނިން ބުނީ އާއްމުކޮށް ފަޅެއް ކުއްޔަށް ދޫކުރާ އަގަކީ 20- 50 މިލިއަން ޑޮލަރު ނަމަވެސް އެ ކުންފުނިން ކަނޑައަޅާ މިންގަނޑަކަށް ގަލުފަޅުގައި ޕިކްނިކް ދާނެ ރަށެެއް ހިއްކައި ތަރައްގީ ކޮށްދޭ ފަރާތަކަށް 50 އަހަރަށް އަގަކާ ނުލައި މިފަޅު ދޫކުރެވިދާނެ ކަމަށެވެ. އަދި މި ރަށް ތަރައްގީ ކުރަނީ 1000 މީހުންނަށް އެއް ފަހަރާ ހިދުމަތް ދެވޭ ގޮތަށެވެ. އެ ކުންފުނިން ވަނީ މި މަޝްރޫއުގެ ކޮންސަލްޓަންޓަކަށް ސިންގަޕޫރުގެ ޖޯންސް ލަންގް ލަސާލް ޕްރޮޕަޓީސް ކުންފުނި ހަމަޖައްސާފަ އެވެ.

މިތަން ތަރައްގީ ކުރަނީ އެއް ފަހަރާ ދެ ފެރީގެ ހިދުމަތް ދެވޭ ވަރުގެ ފާލަމަކާއި ހަތަރު މީހުންގެ ޖާގައިގެ 20 ކޮޓަރި އަދި މޫދު ކުޅިވަރު ކުޅެވޭނެ ސަރަހައްދަކާއި ފުޓްސަލް/ ވޮލީ ކުޅެވޭނެ ވަސީލަތްތައް ވެސް ހިމެނޭ ގޮތަށެވެ.

"އަވަސް" އަށް ދެއްވި ކުރިން ދެއްވި އިންޓަވިއުއެއްގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދު ވިދާޅުވީ ދިވެހިން ދަތުރުދާން ރަށެއް ތަރައްގީ ކުރުމުގެ މަޝްރޫއެއްގެ މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވީ ޕިކްނިކް އައިލެންޑު ހަދާނީ ވީހާވެސް ގިނަ މީހުންނަށް ދަތުރުވެދޭ ގޮތަށް ފުރިހަމަ ވަސީލަތްތަކާ ވެސް އެކުގައި ކަމަށެވެ

މާލެ ކައިރީގައި ދަތުރުދާން މީގެ ކުރިން ބޭނުން ކުރަމުން އައީ ކުޑަ ބަނޑޮހާއި ފޭދޫ ފިނޮޅާއި ކޮއްދިއްޕަރެވެ. ނަމަވެސް މިހާރު މި ރަށްތައް ވަނީ ރިސޯޓު ހިންގުމަށް ދޫކޮށްފަ އެވެ. މިގޮތުން އެންމެ ފަހުން ރިސޯޓެއް ތަރައްގީ ކުރުމަށް ދޫކޮށްފައިވަނީ ފޭދޫ ފިނޮޅެވެ. ދިވެހިން މިހާތަނަށް އެންމެ ގިނަ ދުވަސް ވަންދެން ދިވެހިން ދަތުރުދާން ބޭނުން ކުރީ ކުޑަ ބަނޑޮހެވެ.