މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް ދީފައި އޮތް މާލެ އަތޮޅު، ގަލު ފަޅު ސަރުކާރުން އަނބުރާ ނަގައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެމްއައިޓީޑީސީ އަށް ދީފައިވާ ފަޅުތައް ސަރުކާރުން ނަގާފައިވާ ކަމަށެވެ. ފަޅުތައް ތަރައްގީ ކުރުމަކީ އެ ކުންފުނީގެ މެންޑޭޓުގައިވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެމްއައިޓީޑީސީގެ އަތުން ނެގީ ކޮން ފަޅު ތަކެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
އެމްއައިޓީޑީސީ އަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފޭދޫފިނޮޅު ކައިރީގައި އޮންނަ ގަލު ފަޅު ދީފައިވެ އެވެ. މި ފަޅު ދިނީ ހިއްކައިގެން ދިވެހިން ދަތުރު ދާން ޕިކްނިކް އައިލެންޑެއް ހަދާށެވެ.
އޭރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝާހިދު ވިދާޅުވެފައިވާ ގޮތުގައި ހަތް ހެކްޓަރުގެ ބިން ހިއްކައިގެން ދެ ރަށް ތަރައްގީ ކުރަން ހިންގާ މި މަޝްރޫ އަށް 50 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި ރަށް ދެ މަސްތެރޭގައި ހިއްކާ ނިމޭނެ އެވެ. ނަމަވެސް އެ ފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައެއް ނުވެ އެވެ.