ވިޔަފާރި

ބަރެސްދޫ ތަރައްގީ ކުރަން ހުށަހެޅުމެއް ލިބި އަލުން ފަށަނީ

ލ. ބަރެސްދޫގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދެ އަަހަރަށްފަހު، އަލުން ފަށަން ހުށަހެޅުމެއް ލިބިފައިވާ ކަމަށް، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމާއި ރާއްޖޭގެ ޓޫރިޒަމަށް 47 އަހަރު ފުރޭ ދުވަހާ ދިމާކޮށް ބޭއްވި "ޓޫރިޒަމް ގާލާ ނައިޓް" ގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ އެ ކުންފުންޏަށް ހަވާލުކޮށްފައިވާ ބަރެސްދޫގެ މަސައްކަތް އަލުން ފަށަން ތައްޔާރު ވަމުންދާ ކަމަށެވެ.

"ބަރެސްދޫ ތަރައްގީ ކުރަން ހުރި ގޮންޖެހުން ބޮޑު. ނަމަވެސް ސަރުކާރަށް އެއްވެސް ބުރައެއް ކުރިމަތި ނުވާނެ ގޮތަކަށް ސައްތަ އިންސައްތަ ޑިވޮލޮޕާގެ ހަރަދުގައި ބަރެސްދޫ ތަރައްގީ ކުރަން ލިބިފައިވާ ހުށަހެޅުމެއްގެ އެންމެ ފަހު މަރުހަބާލެއް ދިރާސާ މިދަނީ ކުރަމުން. މާތްﷲ ގެ އިރާދުފުޅުން މި ސަރުކާރުން ފަށާނެ ރިސޯޓު ތަރައްގީ ކުރުމުގެ އެންމެ ބޮޑު މަޝްރޫއު ލ. ބަރެސްދޫގައި ފެށިގެން ދާނެ،" ރާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަރެސްދޫ ތަރައްގީ ކުރެވިގެންދާނީ ކުޅިވަރު ޓީމުތައް ކޭމްޕް ކުރުމާއި މީޓިންތަކާއި ކޮންފަރެންސްތައް ބާއްވާ (މައިސް ޓޫރިޒަމް) އަށް ހާއްސަކޮށް ކަމަށެވެ.

"ބަރެސްދޫއަކީ އެތަށް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ސްޓާވޯޒްގެ ފަހުގެ ފިލްމް ނެގި ރަށް. އެހެންވެ ސްޓާވޯޒްގެ ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ފޭނުންނަށް ހާއްސަކޮށްގެން ކަންތައް ތަކެއް މިރަށުގައި ކުރެވޭނެ،" ރާއިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަރެސްދޫ މަޝްރޫއުގެ ސަބަބުން ލ. އަތޮޅުން 4،000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ.

"ލ. އަތޮޅުގެ ދަނޑުވެރިންނަށް ހާއްސަކޮށްގެން އެ ފަރާތްތަކުގެ އުފެއްދުން ވިއްކޭނޭ ބާޒާރެއް އެރަށުގައި ތަރައްގީ ކުރެވޭނެ،" ރާއިދު ވިދާޅުވި އެވެ.

ބަރެސްދޫގެ މަސައްކަތް އަލުން ފަށަން ތައްޔާރުވާއިރު، މި މަޝްރޫއު ހިންގަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުފެއްދި އެމްއައިޓީޑީސީ އޮތީ މާލީ ގޮތުން ބޮޑު ގެއްލުމެއްގަ އެވެ. އަދި ބަރެސްދޫ މަޝްރޫގެ އެ ކުންފުނިން މީގެ ކުރިން ކުރިއަށް ގެންގޮސްފައިވަނީ ކަންބޮޑުވާން ޖެހޭ ގޮތެއްގައި ކަމަށް މިހާރުގެ އެމްޑީ ރާއިދު ވަނީ ވިދާޅުވެފަ އެވެ.

ކުންފުނީގެ މާލީ ހިސާބުތަކާ ބެހޭ ގޮތުން މި އަހަރުގެ އެޕްރީލް މަހު ރާއިދު ނޫސްވެރިންނަށް ދެއްވި ދެއްވި ޕްރެޒެންޓޭޝަންގައި ވިދާޅުވި ގޮތުގައި ލ. ބަރެސްދޫ މަޝްރޫއު އެމްއެމްޕީއާރުސީން އެންމެ ފުރަތަމަ ފެށީ ރާއްޖޭގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން އެ ކުންފުނިން މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ބިން ވިއްކާ އުސޫލުން ކަމަށާއި މި އުސޫލުން ބަރެސްދޫ އިން ބިން ވިއްކައިގެން 19 ފަރާތެއްގެ އަތުން 34 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެމްއައިޓީޑީސީގެ ނަމަށް މަޝްރޫއު ބަދަލު ކުރުމަށްފަހު ހިންގާފައިވަނީ ބިން ކުއްޔަން ދޭ އުސޫލުން ކަމަށާ އެ ދުވަސްވަރު 19 ފަރާތެއްގެ އަތުން 21 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށެވެ.