އަމިއްލަ ދަރިފުޅު މަރާލުމުގައި ބައިވެރިވި ކަމަށް ބުނެ އެމެރިކާގެ އަންހެނަކު މަރަން ހުކުމް ކުރިތާ 22 އަހަރު ފަހުން އޭނާގެ ކުށެއް ނެތް ކަމަށް ކޯޓުން ނިންމައިފި އެވެ.
ޑެބްރާ މިލްކޭ ނަމަކަށް ކިޔާ އެ އަންހެން މީހާ މަރަން ހުކުމްކޮށްފައިވަނީ 1989 ވަނަ އަހަރު އޭނާގެ ފިރިހެން ދަރިފުޅު މަރާލުމުގައި ބައިވެރިވި ކަމަށް ބުނެއެވެ. ބޮލަށް ތިން ފަހަރު ބަޑިޖަހައިގެން އެ ކުއްޖާ މަރާލީ އެ ކުއްޖާގެ ދެ ރަހުމަތްތެރިއެކެވެ. އެ މައްސަލައިގައި އެ ދެ މީހުންނަށް ވެސް ކޯޓުން މަރުގެ ހުކުމް އިއްވި އެވެ.
ޑެބްރާގެ ކުށެއް ނެތް ކަމަށް އެމެރިކާގެ އެރިޒޯނާގެ ސުޕްރީމް ކޯޓުން ނިންމީ އޭނާގެ ޝަރީއަތް ހިންގުމުގަޔާއި ތަހުގީގުގައި ހިންގާފައިވާ ކަންތައްތަކުގެ ސަބަބުންނެވެ. އެގޮތުން އެ މައްސަލަ ތަހުގީގު ކުރީ ދޮގު ހުވާ ކުރުމާއި ދޮގު ހެކިބަސް ދިނުމުގެ ރެކޯޑް އޮންނަ ފުލުހެއް ކަމަށް ވާއިރު އެކަން ޕްރޮސެކިއުޓަރުން ޝަރީއަތުގައި ހާމަކޮށްފައެއް ނުވެއެވެ. ޑެބްރާގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުކުރީ ވެސް ތަހުގީގުގައި އޭނާ ކުށަށް އެއްބަސްވި ކަމަށް ބުނެ ތަހުގީގު ކުރި ފުލުސް މީހާ ދީފައިވާ ހެކިބަހަށް ބިނާކޮށްގެނެވެ.
މީގެ އިތުރުން ތަހުގީގުކުރި ފުލުސް މީހާ ބުނާ ބުނުން ފިޔަވައި ޑެބްރާ އެކަމުގައި ބައިވެރިވިކަން ސާބިތުވާ އެއްވެސް ހެއްކެއް ނެތްކަން ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
ޑެބްރާ މަރަން ކުރި ހުކުމް 2013 ގައި އިސްތިއުނާފީ ކޯޓުން ބާތިލްކުރި ނަމަވެސް އޭނާ މިނިވަންކޮށްފައި ހުރީ އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު އޭނާ ވަނީ އެއްކޮށް މިނިވަންވެފަ އެވެ.