ބޭރު ކުޅިވަރު

އައިވަރީ ކޯސްޓްގެ ކޯޗަކަށް ވިލްމޮޓްސް

Mar 22, 2017

އައިވަރީ ކޯސްޓްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ބެލްޖިއަމްގެ ކުރީގެ ކޯޗު މާކް ވިލްމޮޓްސް ހަމަޖައްސައިފި އެވެ.

ވިލްމޮޓްސް، 48، އަކީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ފީފާ ވޯލްޑް ކަޕްގައި ބެލްޖިއަމް އަށް އިރުޝާދު ދިން ކޯޗެވެ. ބެލްޖިއަމްގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ވިލްމޮޓްސް ވަނީ އެ ޓީމުގެ ކޯޗަކަށް 2012 އިން 2016 އަށް މަސައްކަތްކޮށްފަ އެވެ. ބެލްޖިއަމްގެ ކޯޗުކަމުން ވިލްމޮޓްސް ވަކިކުރީ 2016 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލްގައި ވޭލްސް އަތުން ބެލްޖިއަމް ބަލިވުމުންނެވެ.

އައިވަރީ ކޯސްޓްގެ ގައުމީ ޓީމާއެކު ވިލްމޮޓްސް ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދައިފަ އެވެ. ވިލްމޮޓްސް އަށް ހަވާލުކޮށްފައިވަނީ އަންނަ އަަހަރުގެ ވޯލްޑް ކަޕާއި 2019 ވަނަ އަހަރު އެފްރިކަން ނޭޝަންސް ކަޕަށް އައިވަރީ ކޯސްޓް ކޮލިފައި ކޮށްދިނުމެވެ.

ވިލްމޮޓްސް ކޯޗުކަމާ ހަވާލުވި ނަމަވެސް، ހުކުރު ދުވަހު ރަޝިއާއާ ދެކޮޅަށް އައިވަރީ ކޯސްޓް ކުޅޭ މެޗާއި އޭގެ ތިން ދުވަސް ފަހުން ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ޓީމުގެ ބެންޗަކުން ނުފެންނާނެ އެވެ. އެ ދެ މެޗުގައި އައިވަރީ ކޯސްޓްގެ ޓީމަށް އިރުޝާދު ދޭނީ ވަގުތީ ކޯޗުން ކޯޗުކަމާ ހަވާލުވެގެން ހުރި އިބްރާހިމް ކަމާރާ އެވެ.

އައިވަރީ ކޯސްޓްގެ ކޯޗަކަށް ކުރިން ހުރި ފްރާންސްގެ މިޝޭލް ޑުއިސޭ މަގާމުން ވަކިކުރީ މި އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގުރޫޕް ސްޓޭޖުން އެ ޓީމު ކެޓުމުންނެވެ.