ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ކަޅުބިލަ މަހުގެ އަގު ހަތް ޕަސެންޓް ދަށަށް!

Mar 23, 2017
3

ތައިލެންޑް ބާޒާރުގައި މިދިޔަ މަހު ކަޅުބިލަ މަހުގެ އަގު ހަތް ޕަސެންޓް ދަށަށް ވެއްޓިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ހިސާބުތައް ދައްކައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ކަޅުބިލަ މަސް ޓަނެއް ތައިލެންޑުގެ ބާޒާރުގައި ހުރީ 24،268ރ. އަށެވެ. އަދި އޭގެކުރީ އަހަރު މި އަދަދު ހުރީ 26،214ރ. އަށެވެ. މިއީ ހަތް ޕަސެންޓުގެ ދަށްވުމެކެވެ.

މި ހިސާބުތައް ދައްކާ ގޮތުން ޖަޕާނުގެ ޓޯކިއޯ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއް މިދިޔަ ހަފުތާގައި ހުރީ 228.60ރ. އަށެވެ. ނަމަވެސް އޭގެ ކުރީ ހަފުތާގައި ހުރީ 304.82ރ. އަށެވެ. މިއީ 25 ޕަސެންޓް ދަށްވުމެކެވެ. އަދި ސްޕެއިންގެ ފިނިކުރި ރީނދޫ އުރަހައިގެ ކަންނެލި ކިލޯއެއް އަގު ހުރީ 142.67ރ. އަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އެވްރެޖުކޮށް މަސް ގަންނަ ކުންފުނިތަކުން ރާއްޖޭގައި ކަޅުބިލަ މަސް ކިލޯއެއް ގަންނަނީ ފިނިކުރި މަސް ކިލޯއެއް 19ރ. އަށެވެ. އަދި ފިނި ނުކުރާ މަސް ކިލޯއެއްގެ އަގު ހުރީ 17ރ. އަށެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށުގައި ހުރި ނަމަވެސް ރާއްޖޭގެ ބާޒާރުގެ އަގަށް ބަދަލު ނުގެންނަތާ ދުވަސްވެއްޖެ އެވެ.