ގައުމީ ފުޓްބޯޅް ޓީމް

ގަތަރު ކޭމްޕުން ރާއްޖެ މެޗަށް ބޮޑު ހިތްވަރެއް ލިބޭނެ: ފަލަސްތީން

Mar 22, 2017

އޭޝިއަން ކަޕް ކޮލިފައިންގައި، މިއަންނަ އަންގާރަ ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔަރުވުމަށް، ފަލަސްތީންގެ ގައުމީ ޓީމުން ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕުން، ފަލަސްތީން ޓީމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް ފަލަސްތީންގެ ކޯޗް އަބްދުން ނާސިރު ބަރަކާތު ބުނެފި އެވެ.

ރާއްޖެއާ ދެކޮޅަށް، ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ފަލަސްތީނުން ވަނީ، މިއަދު ޔަމަނާ ދެކޮޅަށް މެޗެއް ކުޅެން ހަމަޖައްސާފަ އެވެ. ޔަމަނާ ދެކޮޅަށް، މެޗެއްް ހަމަޖެއްސީ، ރާއްޖެއާ ދެކޮޅަށް، ކުޅުމުގެ ތަޖުރިބާ ހޯދުމުގެ ގޮތުން ކަމަށް ފަލަސްތީންގެ އެފްއޭއިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ޔަމަނަކީ، އޭޝިއަން ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިކޮށް، ކޮލިފައިން އިން ޖާގަ ހޯދި ޓީމެވެ.

މިއަދު ޔަމަނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ވާހަކަ ދައްކަމުން ބަރަކާތު ބުނީ، ޓްރެއިނިން ކޭމުން، ޓީމަށް ކުރިއެރުން އައިސްފައިވާ ކަމަށާއި، ޓްރެއިނިން ކޭމްޕް ނިމެންވާއިރަށް، ޓީމުގެ ހުރިހާ ޑިޕާޓްމަންޓަކަށް ކުރިއެރުން އަންނާނެ ކަމަށެވެ.

"ކުޅުންތެރިންގެ ކިބައިގައި ހުރި ވަކިވަކި ކަންކަން ރަނގަޅު ކުރުމަށް، ކޭމްޕްގައި އަހަރެން މިދަނީ މަސައްކަތް ކުރަމުން، އަދި ކުޅުންތެރިންނަށް އެ ކުޅުންތެރިޔަކު ފޯކަސް ކުރަން ބޭނުންވާ ހާއްސަ ކަމަކަށްވެސް ފަރިތަކުންތައް މިގެންދަނީ ކުރަމުން އެކަމުގެ ސަބަބުން އެކި ލެވެލުގައި ޓީމަށް ކުރިއެރުން އަންނާނެ،" ބަރަކާތު ބުންޏެވެ.

މިި އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް، ފަލަސްތީނުން ވަނީ، ގަތަރުގެ ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމައްޖައްސާފަ އެވެ. މާލެ އަންނާނީ، އާދީއްތަ ދުވަހު އެވެ.

އޭނާ ބުނީ، ގަތަރު ޓްރެއިނިން ކޭމްޕް ކުރުމަށްފަހު، ރާއްޖޭގައި ކުޅޭ މެޗުން ޓީމުގެ ކުޅުންތެރިންނަށް، ރާއްޖޭގެ މޫސުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އަސަރު ކުރާނެ ކަމަށާއި ނަމަވެސް، އެކަން ކުޅުންތެރިންނަށް މެނޭޖް ކުރެވޭނެ ކަމަށެވެ.

ރާއްޖެއިން ވެސް، ދަނީ ފަލަސްތީން މެޗަށް ތައްޔަރުވުމަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ޓްރެއިނިންތައް ހަދަމުންނެވެ.