ގާސިމް އިބްރާހިމް

ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އެކައުންޓްތައް ފްރީޒް ކޮށްފި އެވެ. ވިލާ ޝިޕިންގެ އެކައުންޓްތައް މިއަދު ފްރީޒްކޮށްފައިވާއިރު މި ހަފުތާ ތެރޭ ޖުމްހޫރީ ޕާޓީއިން ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް އިބްރާހިމް ވަނީ އެކައުންޓްތައް ފްރީޒްކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު އެ ރޭ ވަނީ އެކައުންޓްތައް ފްރީޒްކުރުމުން އެ ކުންފުނީގެ 5،000 މުވައްޒަފުންނަށް މުސާރަ ނުދެވޭނެތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްފައިމިވަނީ އެ ކުންފުންޏާ ދެކޮޅަށް އިއްޔެ ހައިކޯޓުން މައްސަލައެއް ނިންމާފައިވަނިކޮށެވެ. ވިލާ ޝިޕިންއަށް ދޫކުރި ތ. އެލާ ދައުލަތަށް އަނބުރާ ނެގީ ރަނގަޅަށް ކަމަށް ހައިކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒް ކުރިކަން މިރާއިން އެ ކުންފުންޏަށް އަންގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ތ. އެލާއާއި ގުޅިގެން ވިލާ ގުރޫޕުން ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީ އެ ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށެވެ.

އެ ސިޓީގައިވާ ގޮތުން ތ. އެލާގެ ބިމުގެ ކުލީގެ ގޮތުގައި 3.8 މިލިއަން ޑޮލަރު ދައްކަން ޖެހެ އެެވެ. އަދި ޖޫރިމަނާގެ ގޮތުގައި 14.6 މިލިއަން ޑޮލަރާއި އިންޓްރަސްޓް ރޭޓްގެ ގޮތުގައި 226،352 ޑޮލަރު މީރާއަށް ވިލާ ޝިޕިންއިން ދައްކަން ޖެހެ އެވެ.

އެކައުންޓްތައް ފްރީޒްކޮށް އެޅި ފިޔަވަޅުން އެ ކުންފުނި ވީއްލޭނީ ސިޓީގައިވާ ގޮތުން މީރާއަށް ދައްކަންޖެހޭ ހުރިހާ ފައިސާތަކެއް ދައްކާ ހަލާސް ކުރުމުންނެވެ.

ވިލާ ޝިޕިންގެ އެކައުންޓްތައް މިއަދު ފްރީޒް ކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ވެސް ވަނީ މީގެ ތިން ދުވަސް ކުރިން ފްރީޒްކޮށްފަ އެވެ.