ބޭރު ކުޅިވަރު

ލޯވްގެ ފާޑުކިއުން ޔުނައިޓެޑަށް އަމާޒުވެއްޖެ

Mar 23, 2017

ޖަރުމަންގެ ކުރީގެ ކެޕްޓަން ބަސްޓިއަން ޝްވައިންސްޓައިގާ މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލުމުން، ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗު ޔަކިމް ލޯވްގެ ފާޑުކިއުން ޔުނައިޓެޑަށް އަމާޒުވެއްޖެ އެވެ.

ޔުނައިޓެޑް ދޫކޮށް ޝްވައިންސްޓައިގާ އެމެރިކާގެ ޝިކާގޯ ފަޔާ އަށް ބަދަލުވިއިރު، މި ސީޒަންގައި ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޝްވައިންސްޓައިގާ އަށް ވަނީ ޔުނައިޓެޑްގެ ޓީމުން ޖާގަ ހޯދަން އުނދަގޫވެފަ އެވެ. މި ސީޒަންގައި ޝްވައިންސްޓައިގާ ޔުނައިޓެޑަށް ކުޅުނީ އެންމެ ހަތަރު މެޗުގަ އެވެ.

ޖަރުމަންގެ ގައުމީ ޓީމުގެ ކޯޗު ލޯވް ބުނީ ޔުނައިޓެޑަށް ޝްވައިންސްޓައިގާގެ ބޭނުމެއް ނުހިފުނު ކަމަށެވެ. އަދި ޝްވައިންސްޓައިގާ ކަހަލަ ކުޅުންތެރިޔަކު ޔުނައިޓެޑަށް ބޭނުންވާ އެތައް މެޗެއް އޭނާ އަށް ފެނުނު ކަމަށެވެ.

"ޝްވައިންސްޓައިގާ އަހަރެން ކައިރީގައި ބުނި ޓީމުން ފުރުސަތު ނުލިބޭ ވާހަކަ. ޔުނައިޓެޑަށް ޝްވައިންސްޓައިގާގެ ބޭނުން ނުހިފުނީ،" ލޯވް ބުންޏެވެ. "އަހަރެން ބެލި ބައެއް [ޔުނައިޓެޑްގެ] މެޗުތަކުގައި ފެނިގެންދިޔަ ޝްވައިންސްޓައިގާ ކަހަލަ ލީޑަރެއް ޓީމުގެ މެދުތެރޭގައި ބޭނުންވާ މިންވަރު. ޔުނައިޓެޑް ދޫކޮށްލުމަކީ މި ވަގުތު ޝްވައިންސްޓައިގާ ނިންމި ވަރަށް ރަނގަޅު ނިންމުމެއް."

ޖަރުމަނާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ޝްވައިންސްޓައިގާ ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރެވެ. ލުއީ ވެން ހާލްގެ ކޯޗުކަމުގެ ދަށުގައި ޔުނައިޓެޑަށް ބަދަލުވި ޝްވައިންޓައިގާ އަކީ ކުރިން ދުނިޔޭގެ އެންމެ މޮޅު އެއް މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެކަމަކު ޔުނައިޓެޑްގެ ޝްވައިންސްޓައިގާ އަށް ތަފާތު ދެއްކޭ ގޮތެއްނުވި އެވެ.