ރީކޯ މޫސާ މަނިކު

"މަޖިލިސް ވަށާލިއަސް 27 ގައި ބޭނުން ގޮތެއް ނުހެދޭނެ"

  • ހޫނު ފެނުން ފިއްސާ ގަޑުބަޑެއް ވެސް ނުކުރެވޭނެ
  • 27 ގައި ފެބުރުއަރީ 7 ހާލަތެއް ވެސް ނުގެނެވޭނެ
  • ކަންކަން އޮޅުވާލިޔަސް ރާއްޖެ އޮތީ އަމާން ކަމާއެކު

މި މަހުގެ 27 ގައި އިދިކޮޅު ފަރާތްތަކުން މީހުން މާލެ ގެނެސް މަޖިލިސް ވަށައިލިއަސް އަދި ބިރު ދައްކާ ނުފޫޒު ފޯރުވިއަސް ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ހިނގިޔަ ނުދެއްވާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރު ކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވައްދައި އަންނަ ހޯމަ ދުވަހަށް އެޖެންޑާ ކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވާ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ މަސީހުގެ ވޯޓާއެކު އޭނާގެ މައްޗަށް ނަގާ ވޯޓެއް ވެސް ވައްދާފައިވާ ކަމަށާއި އޭގެ ބޭނުމަކީ 27 ގައި ވޯޓް ނަގާ ޖަލްސާ ވަކި ގޮތަކަށް އަނބުރާލަން ބޭނުންވެގެން ދައްކާ ބިރަކަށް ވިޔަސް އެފަރާތްތަކުން ބޭނުންވާ ގޮތަކަށް އެކަންކަން ނުގެންދެވޭނެ ކަމަށެވެ.

ޖަލްސާ ވެސް ބާއްވާނަން، ޖަލްސާގައި ހިނގަންޖެހޭ ހުރިހާ ކަމެއް ވެސް ކުރިޔަށްދާނެ. އެކަމަކު ގަވައިދާ ހިލާފަށް ކަންކަން ބަދަލުކޮށް އަނބުރާލަން ބޭނުންވެގެން އުޅޭ އެއްވެސް ގޮތަކަށް އެކަމެއް ނުހިނގާނެ، އެކަމެއް ނުކުރެވޭނެ. އެ ހެޔޮ ރާއްޖޭގެ އެންމެން މާލެ ގެނަޔަސް، އަދި އަދި އެންމެން މަޖިލިސް ވަށާލައިގެން ހިސޯރުކޮށް ބިރު ދެއްކިއަސް... އަޅުގަނޑުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ވެއްދީ މަސީހުގެ މައްސަލައިގެ ޖަލްސާ ވަކި ގޮތަކަށް ގެންދަންވެގެން އެކަމަކު އެހެނެއް ނުވާނެ، ހޫނު ފެނެއްވެސް ނޭޅޭނެ، ގަޑުބަޑެއް ވެސް ނުކުރެވޭނެ، ފެބުރުއަރީ 7 ގެ ހާލާތު ވެސް 27 ނުގެނެވޭނެ، ވޯޓް ހަމަވެގެން މަގާމުން ދުރުކުރުން މައްސަލައެއް ނޫން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަސައްކަތް ނުކުރާ މަޖިލީހެއްގެ ގޮތުގައި އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަކީ ކަންކަން ކުރިޔަށް ނުދެއްވާ މަޖިލީހަށް ހުރަސް އަޅާ ބޭފުޅެއްގެ ގޮތުގައި ބަޔަކު ވާހަކަ ދައްކާ ދެއްކުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި މަޖިލީހުގެ މަސައްކަތް ކުރިޔަށް ގެންދަވާ ކޮންމެ މައްސަލައެއް ވިޔަސް ގަވައިދު އެކަމެއް ކުރިޔަށް ގެންދެވުމުގައި މަޖިލީހުގެ ރައީސް އެއްބާރުލުން ދެއްވާ ކަމަށެވެ.

"ވަކި ގޮތަކަށް ކަމެއް ގެންދާކަށް މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކުރާނެ ކަމެއް ނޯންނާނެ. ގަވައިދުގައިވާ ގޮތަށް ކަންކަން ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލީހުގައި ޕީީޕީއެމްގެ ކޯލިޝަންގެ މެޖޯރިޓީ އޮތީ، އެ މެޖޯރިޓީއާ އެއްގޮތަށް ކަންކަން ދާނީ އެއީ މަޖިލީހުގެ ރައީސްގެ މައްސަލައެއް ނޫން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މަޖިލީހުގައި 13 ކޮމެޓީ އޮންނަ އިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި 137 މައްސަލައެއް ވަދެފައިވާއިރު 133 މައްސަލަ ނިންމާފައިވާ ކަމަށާއ ފަސް ގަރާރު ހުށަހެޅި އެ ގަރާރުތައް ވެސް ނިމިފައިވާ ކަމަށާއި ސަރުކާރުން ހުށަހެޅި 115 ބިލެއް ނިންމި އިރު މެންބަރުން ހުށަހެޅި 15 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އަދި ތިން ބަޖެޓަކާއި 35 ރިޕޯޓެއް ވެސް ނިންމާފައިވާ ކަމަށާއި ވަޒީރުނަނާ ސުވާލު ކުރުމުގެ 52 ފުރުސަތެއް ދީފައިވާއިރު މިހާރު ސުވާލު ކުރަން ހުށަހަޅާފައި އޮތަށް އަށް ވަޒީރަކަށް ސުވާލު ކުރުމަށް ކަމަށެވެ.

މޫސަ ވިދާޅުވީ މަޖިލިސް ވެސް އަދި ސަރުކާރު ވެސް ދަނީ ރަނގަޅަށް ކަމަށާއި ދުނިޔޭގެ ގައުމުތަކުގައި ކަންކަން ހިނގައި ދިޔައަސް ރާއްޖޭގެ ހާލަތު އޮތީ އަމާންކޮށް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އޮތީ އިންތިހާބުވެ އެންމެން ބަލައިގެންފައިވާ ސަރުކާރެއް ކަމަށާއި އެ ސަރުކާރުން ހިފައިގެން އައި މެނިފެސްޓޯ އެ ސަރުކާރުން ތަންފީޒު ކުރާނެ ކަމަށާއި އެ މަސައްކަތް ކުރާނެ ކަމަށެވެ.

"މަޖިލީހުން ގާނޫނާ ހިލާފަކަށް ކަމެއް ނުކުރާނެ، އެއީ މަޖިލީހުގެ ގަވައިދާ އެއް ގޮތަށް މެޖޯރިޓީން ކުރާ ކަމެއް، އެހެންވީމަ މަޖިލީހުގައި ކަމެއް ނިންމާފައި އޮތިއްޔާ އޮންނަނީ ގަވައިދާ އެއްގޮތަށް މެޖޯރިޓީއަށް،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ކަމެއް ގޯސްކޮށް ނެތް ކަމަށާއި މީގައި މައްސަލައަަކަށް ވެގެން އުޅެނީ ވަކި ބަޔަކު ވެރިކަމަށް އައުމަށް ކަމަށާއި އެކަމަކީ ގަދަކަމުން ކުރާ ކަމެއް ކަމަށާއި ދައުލަތެއްގައި ވެރިކަމަށް އަންނަން މަސައްކަތް ކުރަން އޮންނަ އުސޫލުތަކެއް އޮންނަ ކަމަށެވެ