ރައްޔިތުންގެ މަޖިލިސް

މަސީހަށް ފަހު މޫސަގެ މައްސަލަ އޭޕްރީލް 11 އަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ވޯޓް ނެގުން އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ. މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައިވަނީ އިދިކޮޅު މެންބަރުން ގުޅިގެން 15 މެންބަރެއްގެ ސޮއި ހޯދައިގެނެވެ.

އެމްޑީޕީން ވަކި ކުރުމުގެ ސަބަބުން މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި އިންނަވާ ރީކޯ މޫސަގެ މައްޗަށް ނަގާ އިތުބާރުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ "މޫސަގެ އިތުބާރު ނެތް ކަމަށް މަޖިލީހުގައި ފާސްވާނެ" ކަމަށެވެ.

މި މައްސަލަ ވައްދާ ތާވާލުވެސް ކޮށްފައިވާއިރު މޫސަ ވިދާޅުވެފައިވަނީ އެއީ އެ މަނިކުފާނު ފަސްޖެހި ވަޑައިގަންނަވާ ކަމެއް ނޫން ކަމަށާއި މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހި ވަޑައިގަންނަވާ ކަންކަންގާނޫނީ އިމުގެ ތެރެއިން ކުރައްވަމުން ގެންދިއުމުގައި ދެމިހުންނަވާނެ ކަމަށެވެ.

މޫސަގެ އިތުބާރު ނެތް މައްސަލާގައި ޕީޕީއެމާއި އެމްޑީއޭގެ ސްޓޭންޑް މިއަދު ވަނީ ހާމަކޮށްފަ އެވެ. އެ ދެ ޕާޓީ ހިމެނޭ ޖޮއިންޓް ޕީޖީ ގްރޫޕްގެ ފަރާތުން ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު މިއަދު ވިދާޅުވީ، މަސީހުގެ ވޯޓް ފެއިލް ކޮށްލި ގޮތަށް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހުގައި ފެއިލް ކޮށްލުމަށް ވެސް އެ ދެ ޕާޓީ ސާބިތު އޮތް ކަމަށެވެ.

މިއަދު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓްގައި އިދިކޮޅު މެންބަރުން ވަނީ ޖަލްސާ ދޫކުރައްވާފަ އެވެ. މަސީހުގެ އިތުބާރު އޮތް ކަމަަށް މިއަދު ފާސްވެގެން ދިޔައީ ޕީޕީއެމް އަދި އެމްޑީއޭއަށް ނިސްބަތްވާ 48 މެންބަރުންގެ ވޯޓުންނެވެ.