ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސަ ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާގައި އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވާ މޫސަ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ފަނޑިޔާރު ގޭގެ ކަންތައްތައް ކުރިއަށްދާ ގޮތާމެދު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާތީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން ނިންމައި ރައީސް ނަޝީދު އެކަމަށް އަމުރު ކުރެއްވި ކަމަށާއި އަދި އެކަމަށް މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވެސް ތާއީދު ކުރެއްވި ކަމަށެވެ.
މޫސަ ވިދާޅުވީ އޭނާ އެކަމާ ދެކޮޅު ހެއްދެވުމުން އޭނާ މުލީއާގެއިން ނުކުމެ ވަޑައިގަތުމަށް ރައީސް ނަޝީދު އެންގެވި ކަމަށެވެ. ނަމަވެސް ނަޝީދު އަމުރު ކުރައްވައިގެން އެޅި އެ ފިޔަވަޅުގެ ސަބަބުން މުޅި ގައުމު ހަލަބޮލި ކަމެއްގެ ތެރެއަށް ވެއްޓި ނަޝީދުގެ ވެރިކަން ވެސް ނިމުމަކަށް އައީ ކަމަށެވެ.
"އެދުވަހު އަޅުގަނޑު ދެންނެވިން އަބްދުﷲ ގާޒީ ހައްޔަރު ކުރަން ކުރައްވާ މަސައްކަތަކީ ގާނޫނު އަސާސީގެ ބޭރުން ކުރެވޭ ކަމެއް ކަމަށް ވަނީ ނަމަ ތިކަމުގެ ސަބަބުން ފަހުން ރައީސަށް ގޮންޖެހުން ތަކަކާ ކުރިމަތި ވާނާއޭ،" މޫސަ ވިދާޅުވި އެވެ.
ގާޒީ ހައްޔަރު ކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވެ އެވެ. ނަމަވެސް އެ މަނިކުފާނު މިހާރު ހުންނެވީ ބޭހަށް ވަޑައިގެންނެވުމަށްފަހު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔާތް ހޯއްދަވައިގެނެވެ.