ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު އުރުގުއޭ އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް ބްރެޒިލް ލީޑު ދަމަހައްޓައިފި އެވެ.
އުރުގުއޭގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ މެޗުގައި ހެޓްރިކެއް ހެދި މިޑްފީލްޑަރު ޕައުލީނިއޯ އެވެ.
މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން އުރުގުއޭ އަށް ލީޑު ހޯދައިދިނީ ފޯވަޑް އެޑިންސަން ކަވާނީ އެވެ. އެކަމަކު އޭގެ ނުވަ މިނިޓު ފަހުން ޕައުލީނިއޯ ކާމިޔާބުކުރި ލަނޑާއެކު ބްރެޒިލް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މެޗުގެ 52 ވަނަ މިނިޓުގައި ބްރެޒިލްގެ ފިރްމީނިއޯ ޖެހި ޝޮޓެއް އުރުގުއޭގެ ގޯލްކީޕަރު މާޓިން ސިލްވާ ދިފާއުކުރި ނަމަވެސް، ކީޕަރުގެ އަތުގައި ޖެހިފައި ޕެނަލްޓީ އޭރިޔާ ތެރެއަށް ދިޔަ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި ޕައުލީނިއޯ ވަނީ ބްރެޒިލް އަށް ލީޑު ހޯދައިދީފަަ އެވެ. މެޗުގެ 74 ވަނަ މިނިޓުގައި ބްރެޒިލްގެ ތިން ވަނަ ލަނޑު ޖެހީ ނޭމާ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޕައުލީނިއޯ ވަނީ އިތުރު ލަނޑެއް ޖަހައި، ހެޓްރިކެއް ހަދައިފަ އެވެ.
ކޯޗު ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލް މިހާތަނަށް ކުޅުނު އަށް މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. މި މޮޅާއެކު ތާވަލްގެ އެއްވަނައިގައި އޮތް ބްރެޒިލް ވަނީ 30 ޕޮއިންޓް ހަމަކޮށްފަ އެވެ. މާޒީގެ ނަތީޖާތަކަށް ބަލާއިރު، 30 ޕޮއިންޓާއެކު ވޯލްޑް ކަޕްގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވީ އެވެ.
ބްރެޒިލްގެ ފަހަތުން ތާވަލްގެ ދެވަނައިގައި އޮތީ 23 ޕޮއިންޓާއެކު އޮތް އުރުގުއޭ އެވެ. އާޖެންޓީނާ 22 ޕޮއިންޓާޢެކު ތިން ވަނައިގައި އޮތްއިރު، 21 ޕޮއިންޓާއެކު ހަތަރު ވަނައިގައި އޮތީ ކޮލަމްބިއާ އެވެ.
ކޮލިފައިންގައި މިއަދު ޗިލީ އަތުން އަމިއްލަ ދަނޑުގައި އާޖެންޓީނާ މޮޅުވީ 1-0 އިންނެވެ. ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާ އަށް މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ.
ބޮލީވިއާ އަތުން 1-0 އިން ކޮލަމްބިއާ މޮޅުވިއިރު، އިކުއެޑޯ އަތުން ޕެރަގުއޭ މޮޅުވީ 2-1 އިންނެވެ. ވެނެޒުއޭލާ އާއި ޕެރޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.