މޯލްޑިވިއަން އައިޑޮލް 2

ތޭރަވާއާއެކު ގަދަ 10ގެ ވަރުގަދަ ކުރިމަތިލުމެއް

އެއް ހަފުތާގެ މެދުކެނޑުމަކާއެކު މޯލްޑިވިއަން އައިޑޮލް އަނެއްކާވެސް ރޭ ވަނީ ފެށިފަ އެވެ. އައިޑޮލް އަލުން ފެށި އިރު ރޭގެ ޝޯއަކީ ގަދަ 10 ގެ ކުރިމަތިލުމެވެ. ގަދަ 10 ބައިވެރިން ވަނީ ވަރަށް ވަރުގަދަ ހުށަހެޅުންތަކެއް ރޭ ދީފަ އެވެ.

ޝޯ ހާއްސަ ކޮށްފައި އޮތީ ޕްލޭބެކް ލަވަ ކިޔުންތެރިންނަށެވެ. ރޭ ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޕްލޭބެކް ލަވަކިޔުންތެރިންނަށް ޓްރިބިއުޓް ދީފަ އެވެ. އަދި ރާއްޖޭގެ އެއްވަނަ ޕްލޭބެކް ލަވަކިޔުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެކޭ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ވަނީ ހާއްސަ ޖަޖެއްގެ ގޮތުގައި ވެސް ބައިވެރިވެފަ އެވެ.

ތޭރަވާއާއެކު ޝޯގެ ފޯރި ގަދަވެ ރޭ އެންމެ ފުރަތަމަ ލަވަ ހުށަހަޅައިދީފައިވަނީ އަހްމަދު ފަރަޝް އެވެ. ފަރަޝް ހުށަހަޅައިދިނީ "ހިތްވަރު މިރޭ" ލަވަ އެވެ. އަހްމަދު ނަބީލް ހުށަހަޅައިދީފައިވަނީ މުމްތާޒުގެ "އޯ ޔާރު އޯގާވާށޭ" އެވެ. އުމަރު ޒާހިރުގެ "ދެންނެވިއްޔޭ ދެންނެވީ" އެ ލަވަ ހުށަހަޅައިދިނީ ހަމޫދު އަހްމަދު އެވެ. މި ތިން ބައިވެރިންނަށް ވެސް ޖަޖުންގެ ފަރާތުން ރަނގަޅު ކަންކަން އަދި ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް ކޮމެންޓް ކޮށްފައިވެ އެވެ.

ރޭ ވަނީ މީގެ ކުރިން ނުވާ ކަމެއް ވެސް އައިޑޮލްގެ ޝޯގައިވެފަ އެވެ. އެއީ ޖަޖު އައްފާން ފުރަތަމަ ފަހަރަށް ހުށަހެޅުމަކަށްފަހު ކޮޅަށް ތެދުވުމެވެ. ރޭ އައްފާން ވަނީ އައިޝަތު ޖައިޝާ އަދި ޝަމްވީލް މުހައްމަދަށް ސްޓޭންޑިން އޮވޭޝަން ދީފަ އެވެ. އެ ދެ ބައިވެރިންނަށް ވެސް ހުރިހާ ޖަޖުންގެ ފަރާތުން ވަނީ ރަނގަޅު ކޮމެންޓްތަކެއް ލިބިފަ އެވެ. ޖައިޝާ ހުށަހަޅައިދިނީ "ކުރީ ސަމާސާ" އެވެ. ޝަމްވީލް ހުށަހަޅައިދިނީ ހުޒާމްގެ "ޔާރާ އަހާށޭ" އެވެ.

އަލީ ރަމީޒުގެ "ކޮބާ ކުރީގެ ހަނދާންތައް" ހުށަހަޅައިދިނީ މުހައްމަދު ރީހާން އެވެ. ހަސަން އިރުފާން (ޒަކިއްޓެ) ހުށަހަޅައިދީފައިވަނީ އިލްހާމްގެ "މަންޒިލް ތިއޭ" އެވެ. ދެ ބައިވެރިންނަށް ވެސް ޖަޖުންގެ ފަރާތުން ރަނގަޅު އަދި ރަނގަޅު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް ކޮމެންޓްތަކެއް ކުރިއިރު އެފަދަ ކޮމެޓްތަކެއް އަބްދުﷲ ހިޝާން އަށް ވެސް ވަނީ ލިބިފަ އެވެ. މުމްތާޒުގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ "ވޭނާ އުދާހާ" ވަރަށް ތަފާތު ގޮތަކަށް ރޭ ހުށަހަޅައިދީފައިވަނީ ހިޝާން އެވެ.

މުހައްމަދު ތަސްނީމް (ބޮބް)އަށް ވެސް ރޭ ވަނީ ރަނގަޅު ކޮމެންޓްތަކެއް ލިބިފަ އެވެ. ބޮބް ރޭ ހުށަހަޅައިދިނީ ތޭރަވާގެ "ނޭދެން އުފާ" އެވެ. ވަރަށް މަޖާ ލަވަތަކެއް އާންމުކޮށް ހުށަހަޅައިދޭ އިބްރާހީމް ވަހީދު (ބޮޑުބެ) ރޭ ހުށަހަޅައިދީފައިވަނީ ވަރަށް ކުޅަދާނަ ކުރީގެ ލަވަ ކިޔުންތެރިއެއް ކަމަށްވާ ބާރީގެ "ހޭ ނާހާނަން" އެ ލަވަ އެވެ.

ޖަޖުން މިހާރު ވަނީ 10 ބައިވެރިންނަށް ވެސް މާކްސް ދީފަ އެވެ. މިހާރު ބޯޅަ އޮތީ ބެލުންތެރިންގެ ކޮޅުގަ އެވެ. އެންމެ ހިތް ކިޔާ ބައިވެރިޔަކަށް އަވަހަށް ވޯޓު ކުރާށެވެ. ކޮންމެ ނަންބަރަކުން ވެސް މިއަދުގެ 3:00 އާ ހަމައަށް އެންމެ ގިނަވެގެން 50 އެސްއެމްއެސް ކުރެވޭނެ އެވެ. ކަމުދާ ބައިވެރިޔާ ގަދަ ނުވައަކަށް ހޮވުމަށް ކުރަންޖެހޭ މަސައްކަތުގައި ބާރަށް ކުރިއަށް ދާށެވެ.