ކުޅިވަރު

ބުފޯންގެ 1000 ވަނަ މެޗުން އިޓަލީއަށް މޮޅެއް

Mar 25, 2017

އިޓަލީގެ ކެޕްޓަން، އަދި ގޯލްކީޕަރު ޖިއަންލުއީޖީ ބުފޯން އޭނާގެ ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗުގައި، އަލްބޭނިއާ އަތުން 2-0 ގެ ނަތީޖާ އަކުން އިޓަލީ މޮޅުވެއްޖެ އެވެ.

އެ މެޗަކީ އުމުރުން 39 އަހަރުގެ ބުފޯން، އިޓަލީގެ ގައުމީ ޓީމަށް ކުޅުނު 168 ވަނަ މެޗެވެ. ސީނިއާ ކެރިއަރުގައި ބުފޯން އެންމެ ފުރަތަމަ މެޗަކަށް ނިކުމެފައިވަނީ، އޭނާގެ ފުރަތަމަ ކުލަބު ޕާމާގައި 1995 ވަނަ އަހަރު، އޭސީ މިލާންއާ ދެކޮޅަށެވެ.

ކުލަބު ލެވަލުގައި ބުފޯން ކުޅެފައިވަނީ، 832 މެޗެވެ. އެއީ ޔުވެންޓަސްއަށް 612 މެޗެވެ. އޭނާ ޔުވެންޓަސްއާ ގުޅުނީ 2001 ވަނަ އަހަރު އެވެ. އަދި ޕާމާ އަށް 220 މެޗެވެ.

ރޭގެ މެޗުގައި، ބުފޯން އަށް މާ ބޮޑު ކަމެއް ކުރާކަށް ނުޖެހުނެވެ. ނުރައްކާތެރި ދެ ބޯޅަ އެއް އައި ނަމަވެސް، އެ ދެބޯޅަ ވެސް ދިޔައީ ބުފޯންގެ އަތުގައި ނުޖެހި ބޭރަށެވެ.

މެޗުގައި، އިޓަލީ އަށް ފުރަތަމަ ލީޑް ނަގައި ދިނީ ލިބުނު ޕެނަލްޓީ އަކުން ޑެނިއަލޭ ޑިރޮސީ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 12 ވަނަ މިނެޓްގަ އެވެ. ޕެނަލްޓީ އަކީ، އަލްބޭނިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން، އިޓަލީގެ އަންދުރެއާ ބިލޯޓީ އަށް އަލްބޭނިއާގެ ބާޝާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ދެ ވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓްތގައި ކަމިޔާބު ކުރީ ޗީރޯ އިމްމޯބިލޭ އެވެ.

އިޓަލީ ހިމެނޭ ގުރޫޕް ޖީގެ އެއް ވަނައިގައި އޮތީ، ސްޕެއިން އެވެ. ނަމަވެސް ދެޓީމަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ސްޕެއިން އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުން ނެވެ. ރޭ ސްޕެއިން އިސްރާއިލާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ 4-1 ން ނެވެ.