ކުޅިވަރު

ރެއާލްގެ އިންތިހާބު ބޯމަތީގައި، ގެލެކްސީގެ އާތަރިއަކީ ކޮބާ؟

Mar 25, 2017

ރެއާލް މެޑްރިޑްގެ މިހާރުގެ ރައީސް، ފްލޮރެންޓީނޯ ޕެރޭޒް، ރެއާލްގެ ރައީސް ކަމަށް ފުރަތަމަ ކުރިމަތިލެއްވީ 1995 ވަނަ އަހަރު އެވެ. އެއަހަރު އޭނާ އަށް ކުރިމަތިވެވަޑައިގަތީ ނާކާމިޔާބެވެ. އޭގެ ފަސް އަހަރު ފަހުން އޮތް އިންތިހާބަށް އޭނާ ކުރިމަތިލެއްވީ ތަފާތު ވައުދަކާއެކު އެވެ. ރެއާލް އަށް ދުނިޔޭގެ މަސްހޫރު ތަރިއެއް ގެންނާނެ ކަމަށް ވެވަޑައިގެންނެވި ވައުދާއެކު އެވެ. އޭނާގެ ފުރަތަމަ ވައުދަކަށްވީ، ވާދަވެރި ބާސެލޯނާ އަށް ކުޅެމުން ދިޔަ، ޕޯޗްގަލްގެ ލުއިސް ފީގޯ ގެނައުމެވެ. ލުއިސް ފީގޯގެ ފަހަތުން، ކޮންމެ އިންތިހާބަކަށްފަހު ގެލެޓިކޯ ނުވަތަ ގެލެކްސީ އޮފް ސްޓާސް އާ ތަރިންތަކެއް ރެއާލް އަށް ގެނެސްފި އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ވޭލްސްގެ ގެރެތުބޭލްގެ ފަހުން، ރެއާލް އަށް ގެލެކްސީގެ ތަރި އެއް ނެގެނެ އެވެ. މިއަހަރު ރެއާލްގެ އިންތިހާބު އޮތީ ބޯމަތީގަ އެވެ. އިންތިހާބުގައި ޕެރޭޒްއާ ވާދަ ކުރާނެ އެހެން ކެނޑިޑޭޓަކު ނެތެވެ. ނަމަވެސް ރެއާލްގެ މެންބަރުންގެ އިތުބާރު އޭނާއަށް ވަނީ ހޯދަން ޖެހިފަ އެވެ. އެހެންވެ ގެލެކްސީގެ އާ ތަރިއެއް ގެންނާނެ ކަމަށް، ޕެރޭޒް އެބަ ވިދާޅުވެ އެވެ.

މިފަހަރުގެ ގެލެކްސީގެ ތަރި އަކީ ފްރާންސްގެ މޮނާކޯ އަށް ކުޅެމުންދާ އުމުރުން 18 އަހަރުގެ ކިލިޔަން ބަޕޭ އަށް ވުން ވަރަށް ގާތެވެ. ފްރާންސް ލީގާއި ޗެމްޕިއަންސް ލީގްގައި ބަޕޭގެ ހުނަރު ވަނީ ފާހަގަ ކުރެވިފަ އެވެ. ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި، މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހު، މޮނާކޯ ކްއާޓާ ފައިނަލަށް ދިޔަ ހިސާބުން، ބަޕޭގެ ވާހަކަ މީޑިއާގައި ގަދަ ވެއްޖެ އެވެ.

ނަމަވެސް، ބަޕޭ ހޯދަން، ދަތުރު ކުރަމުންދާ ރޭހުގައި، ދުނިޔޭގެ އެންމެ މުއްސަނދި ކުލަބު މެންޗެސްޓާ ޔުނައިޓަޑް ވެސް އެބައޮތެވެ. ބޮޑު އަގެއް ކިޔާނަމަ، މެންޔޫ އިން ވެސް ރެއާލް އަށް ވަކި ދުލެއް ނުދޭނެ އެވެ. ނަމަވެސް އުފެދޭ ސުވާލަކީ، ބަޕޭ ގެނައުމަށްފަހު، ބެންޒެމާ އަށް ރެއަލްގައި އޮތީ ކޮން ދައުރެއް ހެއްޔެވެ. އެ ސުވާލަށް ޖަވާބު ދިނީ ޕެރޭޒް އަމިއްލަފުޅަށެވެ.

"ބަޕޭ އާއި ބެންޒެމާގެ ޕާޓްނާޝިޕް؟ ކޮންމެ ކަމެއްވެސް ކުރެވިދާނެ،" ބެނެޒެމާ އަކީ ފްރަންސްގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެޓީމުގެ އެއް ވަނަ ނަންބަރު ނުވައެއް،" އޭނާ ވިދާޅުވި އެވެ. "އަހަރެން އުންމީދު ކުރާނީ ބެންޒެމާ ރެއާލްގައި ހުރީ އޭނާ ރަނގަޅުވީމަ ކަމަށް،"

އޭނާ ވިދާޅުވީ ހަމައެކަނި އޭނާ ވާހަކަ ދައްކަވަނީ ރެއާލްގެ ކުޅުންތެރިންނާ ބެހޭގޮތުން ކަމަށާއި އެކަމަކު ބަޕޭ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށެވެ.

ބަޕޭއާ ހަމައިން، ރެއަލްގެ އާ ގެލްކްސީ ތަރިގެ ވާހަކަ ނުނިމެ އެވެ. އެ ލިސްޓްގައި ހިމެނޭ އަނެއް ކުޅުންތެރިޔަކީ، ޗެލްސީގެ ބެލްޖިއަމްގެ ވިންގާ އެޑެން ހަޒާޑް އެވެ. ނަމަވެސް ރޮނާލްޑޯ ޓީމުގައި ހުރެފައި ދެން ހަޒާޑް ރެއާލް އަށް ގެންދިއުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ.

ހަޒާޑް ގެންދެވޭނެ ފޯމިއުލައެއްވެސް ރެއާލުން ނެރެފި އެވެ. އެއީ ރޮނާލްޑޯ ސެންޓާ ސްޓައިކަރަކަށް ބަދަލު ކޮށް، މިހާރު ރޮނާލްޑޯ ކުޅޭ މަގާމު ހަޒާޑް ދިނުމެވެ. ނަމަވެސް، އެކަމަށް ރޮނާލްޑޯގެ ރުހުން ވެސް ހޯދަން ޖެހެއެވެ. ސެންޓަ ސްޓައިކަރަކަށް ކުޅެން، ރޮނާލްޑޯ ކިހާވަރަކަށް ޝައުގުވެރިވޭތޯ އެވެ.

ހަޒާޑްގެ އިތުން ދެން މި ލިސްޓްގައި ހިމެނޭ ތަރިން ނަކީ، ޔުވެންޓަސްގެ އާޖެންޓީނާގެ ފޯވަޑް ޕައުލޯ ޑީބާލާ އާއި ބްރޫޝިއާ ޑޯޓަމަންޑްގެ ޕިޔާ އެމްރިކް އޮބާމަޔަންގް އެވެ.