ކުޅިވަރު

ކޯލްމަންގެ ނުރައްކާތެރި އިންޖަރީ، އެވަޓަންއަށް ހިތްދަތި ކަން

Mar 25, 2017

ރޭ އުތުރު އަޔަލެންޑާ ދެކޮޅަށް ވޭލްސް ކުޅުނު މެޗުގައި، ވޭލްސްގެ ނީލް ޓޭލާ ބޯޅައަށް ކުރި ޓެކުލުގައި އަޔަލެންޑްގެ ޝޭމަސް ކޯލްމަންގެ ފަޔަށް ލިބުނު ނުރައްކާތެރި އަނިޔާއާ ގުޅިގެން އެވަޓަން އަށް އިތުރު ހާސްކަން ކުރިމަތި ވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު، ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު ކުރިމަތީގައި އޮތް އިރު، އެވަޓަން އަށް ކުޅެމުންދާ އުތުރު އަޔަލެންޑްގެ ދެ ވަނަ ކުޅުންތެރިޔަކަށްވެސް އަނިޔާގެ މައްސަލަ ކުރިމަތިވީ އެވެ. އިއްޔަ ޕްރްކެޓިސް ކުރަނިކޮށް، ޖޭމްސް މެކާތީގެ ފަލަ މަސްގަނޑަށް ވެސް ވަނީ އަނިޔާ ވެފައެވެ. އެހެންވެ، ލިވަޕޫލާ ދެކޮޅަށް ކުޅެ މެޗުގައި އޭނާ އަށްވެސް ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

ކޯލްމަން ފަޔަށް، ޓޭލާ ޓެކުލް ކުރުމުން، އޭނާގެ ފައި އޮތީ ބިންދައިގެން ގޮސްފައި އޮންނަ ގޮތަށް ގުދުވެފަ އެވެ. އަނިޔާއާ ގުޅިގެން އޭނާ ގެންދިޔައީ ވަގުތުން ހޮސްޕިޓަލަށެވެ. އެ ޓެކުލު ކުރުމުން ޓޭލާ އަވާނީ ވަގުތުން ރަތް ކާޑު ދައްކައި ދަނޑުން ފޮނުވަލާފަ އެވެ. ކޯލްމަން ފަޔަށް ލިބިފައިވާ އަނިޔާގެ ބޮޑުކަމުން ބައެއް މީޑިއާތަކުގައި އެ ފޮޓޯ އާންމު ކޮށްފައެއްވެސް ނުވެ އެވެ.

މެޗުގެ ފަހުން ވާހަކަ ދައްކަމުން ޓޭލާ ބުނީ، ހިނގާދިޔަ ކަންތަކާ މެދު މާފަށް އެދޭ ކަމަށް ބުނެފައެވެ.

އެވަޓަންގެ ކޯޗް ރޮނަލްޑް ކޫމަން އަށް ވަނީ ކޯލްމަން އާއި މެކާތީ ނެތްތައް ފޫބައްދާނެ ފޯމިއުލާއެއް ނެރެން ޖެހިފަ އެވެ.

"އެއީ އެވަޓަން އަށް ކުރިމަތިވާނެ ވަރަށް ބޮޑު މައްސަލަ އަކަށް ވާނެ، އަދި އަހަރެމެންނަށް ވެސް ކުރިމަވާނެ މައްސަލަ އެއް، އަހަރެން އުންމީދު ކުރަނީ އޭނާ އެނބުރި އައިސް ކުރީގެ ފެންވަރަށް އަންނާނެ ކަމަށް، އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް،" އަޔަލެންޑްގެ ކޯޗް މާޓިން އޮޏީލް ބުންޏެވެ.

ރޭ ވޭލްސް އާއި އަޔަލެންޑްގެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.