ބޭރު ކުޅިވަރު

ބާސާގެ ކޯޗަކަށް އަންނާނީ ކާކު؟

Mar 25, 2017

މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަމުން ލުއިސް އެންރީކޭ ވަކިވުމަށް ނިންމާފައިވާއިރު، ބާސާ އިން މިހާރު ވެސް ދަނީ އަންނަ ސީޒަނަށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންރީކޭގެ އިރުޝާދުގެ ދަށުން ބާސާ އިން 10 މުބާރާތުގައި ވާދަކުރިއިރު، އޭގެ ތެރެއިން އަށް މުބާރާތް ބާސާ ވަނީ ކާމިޔާބުކޮށްފަ އެވެ. ބާސާގެ ކޯޗުކަމުން އެންރީކޭ ވަކިވަނީ "ބްރޭކެއް" ބޭނުންވާ ކަމަށް ބުނެ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ބާސާ އިން ވަނީ މިހާރު ވެސް ހަތަރު ކޯޗުން ޝޯޓްލިސްޓްކޮށްފަ އެވެ. އެއީ މިހާރު ބާސާގެ އެސިސްޓަންޓް ކޯޗަކަށްހުރި ހުއާން ކާލޮސް އުންޒުއޭ އެތުލެޓިކް ބިލްބާއޯގެ ކޯޗު އެރްނެސްޓޯ ވަލްވާޑާ އާއި ރެއާލް ސޮސިއެޑާޑްގެ ކޯޗު ޔުސޭބިއޯ ސެކްރިސްތާން އަދި އެވަޓަންގެ ކޯޗު ރޮނާލްޑޯ ކޫމަން އެވެ.

މިހާރު އެންރީކޭގެ އެހީތެރިއަކަށް މަސައްކަތްކުރަމުންދާ އުންޒުއޭ އަކީ ބާސާގެ ސީނިއާ ކުޅުންތެރިންގެ ތާއީދު ލިބިފައިވާ ކޯޗެކެވެ. ބާސާ އިން ފަހުގެ ތާރީހުގައި ހޯދާފައިވާ ކާމިޔާބީތަކުގައި ފަހަތުގައިވާ އުކުޅުތައް އުންޒުއޭ އަށް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. އުންޒުއޭގެ ހަމައެކަނި މައްސަލައަކީ ޓީމެއްގެ ހެޑްކޯޗެއްގެ މަގާމުގައި އޭނާ އަށް ލިބިފައިވާ ތަޖުރިބާ މަދުވުމެވެ. އެކަމަކު ބާސާ އިން އުންޒުއޭ އަށް ކޯޗުކަން ދިނުމުގެ ފުރުސަތު ބޮޑެވެ.

މިހާރު ބިލްބާއޯގެ ކޯޗަކަށް ހުރި ވަލްވާޑާ އަކީ ޔޯހަން ކްރައިފްގެ އިރުޝާދުގެ ދަށުން ބާސާ އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. ބާސާގެ ސްޓައިލް އަށް ވަލްވާޑާ ފަރިތަވާނެ އެވެ.

ޔުސޭބިއޯ އަކީ ފްރޭންކް ރައިކާޑް ބާސާގެ ކޯޗަކަށް ހުރިއިރު، އޭނާގެ އެހީތެރިޔަކަށް ހުރި ކޯޗެކެވެ. ޔުސޭބިއޯ ވަނީ ކުރިން ބާސާ އަށް ކުޅެފަ އެވެ.

ކޫމަން އަކީ ވެސް ކްރައިފްގެ ކޯޗުކަމުގެ ދަށުން ބާސާ އަށް ކުޅުނު ކުޅުންތެރިޔެކެވެ. ކޫމަން އަކީ ބާސާގައި މަގްބޫލު މީހެކެވެ.

ބާސާ އިން އާ ކޯޗެއް ހަމަޖައްސާނީ މި މަހުގެ ފަހުކޮޅު ކަމަށް ބެލެވެ އެވެ. އޭޕްރީލް މަހު މުހިންމު މެޗުތަކެއް އޮތުމުން، ޓީމަށް އަސަރުކުރާނެ ނިންމުމެއް ބާސާ އިން އޭގެ ކުރިން ނިންމުމަކީ ނާދިރު ކަމެކެވެ.