ދުނިޔެ

ޗައިނާ ޓޫރިސްޓުން އިތުރުވެ ލަންކާގެ ޓޫރިޒަމް އާމްދަނީ 6.6 ޕަސެންޓް މައްޗަށް

Mar 26, 2015

ސްރީ ލަންކާ އަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ އެކު، ޓޫރިޒަމުން ޖެނުއަރީ މަހު 248.7 މިލިއަން ޑޮލަރު ލިބިއްޖެ އެވެ. މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނު 233.3 މިލިއަން ޑޮލަރާ އަޅާބަލާއިރު 6.6 ޕަސެންޓުގެ އިތުރުވުމެކެވެ.

ލަންކާ އަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު ވެސް ޖެނުއަރީ މަހު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 6.6 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު 146575 ޓޫރިސްޓުން ޒިޔާރަތްކުރި އިރު މިދިޔަ ޖެނުއަރީ މަހު 156246 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ޖެނުއަރީ މަހު ލަންކާ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ 43.3 ޕަސެންޓަކީ އިންޑިއާ، އިނގިރޭސި ވިލާތް، ޗައިނާ، ޖަރުމަން އަދި ރަޝިޔާގެ ޓޫރިސްޓުން ކަމަށް ސެންޓްރަލް ބޭންކުގެ ހިސާބުތަކުން ދައްކަ އެވެ. މިދިޔަ މަހުގެ ހިސާބުތަކަށް ބަލާއިރު ޗައިނާ ވަނީ ލަންކާ އަށް ދެ ވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމަށް ވެފަ އެވެ. ކުރިން އެ މަގާމުގައި އޮތީ އިނގިރޭސި ވިލާތެވެ.

މިދިޔަ މަހު ޗައިނާގެ 39160 ޓޫރިސްޓުން ލަންކާ އަށް ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޒިޔާރަތްކުރީ 21098 ޓޫރިސްޓުންނެވެ. އެހެންވެ މިއީ 85.6 ޕަސެންޓުގެ ކުރިއެރުމެކެވެ. ސްރީ ލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް ބޯޑް (އެސްއެލްޓީޑީބީ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ލަންކާ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ޖުމުލަ އަކީ 165541 އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ޖުމުލަ އަކީ 141878 އެވެ.

ލަންކާ އަށް ޒިޔާރަތްކުރާ ޗައިނާ ޓޫރިސްޓުންގެ އަދަދު ހަލުވިކަމާ އެކު އިތުރުވަމުން އަންނައިރު މިކަމަށް ހާއްސަކޮށް ލަންކާގައި މަޝްރޫއުތައް ހިންގަން ވަނީ ނިންމައިފަ އެވެ.