ބާސެލޯނާއިން ވާދަވެރި ރެއާލް މެޑްރިޑްގެ މިޑްފީލްޑާ އިސްކޯ ގެންދަން މަސައްކަތް ކުރާ ކަމުގެ އަޑުތައް ޖެނުއަރީ ޓްރާންސްފާ ޕީރިއަޑުން ފެށިގެން ގަދަ އެވެ. އިސްރާއީލާ ދެކޮޅަށް ސްޕެއިން ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗަށް ފަހު، ބާސާގެ ކެޕްޓަން އަންދުރޭ އިނިއެސްޓާގެ ތައުރީފް އިސްކޯ އަށް އޮހުމުން، ފެތުރެމުން ދިޔަ ވާހަކަ ތަކަށް އިތުރު ބާރެއް ލިބުނެވެ. ވާހަކަ ތަކުގެ އަޑު ކަނޑުވާލުމަށް، އިސްކޯ ވަނީ އޭނާ އާއި ބާސާ އާ ގުޅުވައި ދެކެވޭ ވާހަކަ ތަކުގައި އަސްލެއް ނެތް ކަމަށް ބުނެފަ އެވެ. ރޭ ރެއާލުން ވެސް ވަނީ އިސްކޯ ހަ އަހަރު ދުވަހުގެ އެއް ބަސްވުމެއް ހުށަހަޅާފަ އެވެ.
މިވަގުތު ގައުމީ ޓީމުގެ ވަޒީފާއިގައި ސްޕެއިންގެ ގައުމީ ޓީމާ އެކު ހުރި އިސްކޯ މިކަމާ ބެހޭގޮތުން ވަކި އެއްޗެއް އަދި ބުނެފަ އެެއް ނުވެއެވެ.
އޭނާ ގެންދަން ޝައުގުވެރި ވަނީ، ބާސެލޯނާ އިން އެކަންޏެއް ނޫނެވެ. ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޯލާ ކޯޗް ކޮށްދޭ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީއިން ވެސް ވަނީ އިސްކޯ އަށް ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. އަދި އޭނާ ގެންދަން، މެން ސިޓީއިން ދެ ފަހަރެއްގެ މަތިން ރެއާލްއަށް ހުށަހެޅި އެވެ. ނަމަވެސް، ރެއާލުން ވަނީ އެކަމަށް ނޫނެކޭ ބުނެފަ އެވެ.
މަލާގާއިން 2013 ވަނަ އަހަރު ރެއާލް އާ ގުޅުނު، އިސްކޯ ރެއާލްއާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރެއާލުން އާ ކޮންޓްރެކްޓް ހުށަހެޅި ނަމަވެސް، އެ ކޮންޓްރެކްޓާ މެދު އިސްކޯ ދެވަނަ ހިޔާލަކަށް ދިއުމަށް އޮތީ އެންމެ ސަބަބެކެވެ. އެއީ ރެއާލްގެ ފުރަތަމަ 11 އިން ގަވައިދުން އޭނާ އަށް ޖާގަ ނުލިބުމުގެ މައްސލަ އެވެ.
މި ސީޒަންގައި، މިހާތަނަށް، ފުރަތަމަ 11 ގައި އިސްކޯ ކުޅެފައި ވަނީ 13 މެޗެވެ. ހަ ލަނޑު ކާމިޔާބު ކުރި އިރު، ލަނޑު ޖަހަން ފަސް ފުރުސަތު ތަނަވަސް ކޮށްދީފައި ވެއެވެ. އިސްކޯ ޓީމުގައި ބެހެއްޓުމަށް، ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ދަނީ މަސައްކަތް ކުރަމުން ނެވެ. މިވަގުތު ގަވައިދުން ފުރަތަމަ 11 އިން ޖާގަ ނުލިބުނަސް، އޭނާ ރެއާލްގައި މަޑު ކޮށްފިނަމަ، އޭނާ ޖާގަ ލިބޭނެ ފުރުސަތެއް އޮތްކަން، ރެއާލުން ދަނީ އޭނާ އަށް ވިސްނައި ދެމުން ނެވެ. އެއީ މިވަގުތު ރެއާލް އެއްނަންބަރު މިޑްފީލްޑާ ލުކާ މޮޑްރިޗްގެ ކޮންޓްރެކްޓް ހަމަވުމުން، އޭނާގެ ރިޕްލޭސްމެންޓަކަށް ދާއިމީ ފުރަތަމަ 11 ގައި އިސްކޯ ބޭނުން ކުރުމަށެވެ.
އާ ކޮންޓްރެކްޓްގައި ސޮއި ކޮށްފިނަމަ، 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިސްކޯ ރެއާލްގައި ހުންނާނެ އެވެ. އޭރު އޭނާ އަށް ވާނީ 32 އަހަރެވެ.