މޯލްޑިވިއަން އައިޑޮލް 2

ރީހާން ދެން ފެންނާނީ ޕޮޕް ބޭންޑަކުން!

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ގަދަ ނުވައެއްގައި ހިމެނުމުގެ ފުރުސަތު ނުލިބި ޝޯއާވ ރޭ ވަކިވާން ޖެހުނީ ވަރަށް ވަރުގަދަ އަޑެއްގެ ވެރިއެއް ކަމަށްވާ މުހައްމަދު ރީހާނަށެވެ. ރީހާން ވަކިވުން ވެގެން ދިޔައީ ގިނަ ބަޔަކަށް ގަބޫލުކުރަން އުނދަގޫވި ދެރަ ކަމަކަށެވެ.

ޝޯގައި ހުރި އެންމެ ވަރުގަދަ އަޑު އަދި ޝޯގެ ޖަޖުން ވެސް އުމަރު ޒާހިރުގެ އަޑު ކަމަށް ބުނަމުން އައި އަޑު ދެން މޯލްޑިވިއަން އައިޑޮލްއިން ނީވޭނެ އެވެ. އެކަމަކު އެކަމާ ހިތާމަ ކުރާ މީހުންނަށް ރީހާން ރޭ ވަނީ އެ ހިތާމައިގެ މަތިން ހަނދާން ނެތިގެންދާވަރުގެ ހަބަރެއް ދީފަ އެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި ސަޅި ސިންގާއެއްގެ ގޮތުގައި ތިޔަބޭފުޅުންނަށް ފެންނާނެ،" ވަކިވުމަށްފަހު ރީހާން އަވަސްއަށް ދިން އިންޓަވިއުގައި ބުންޏެވެ.

ރީހާން ހުރީ އެ ސަޅި ލަވަކިޔުންތެރިޔާއަށްވުމަށް ހުރިހާ ކަމެއް ފައިނަލް ކޮށްގެންނެވެ. އާންމުކޮށް ޝޯއިން ވަކިވާ ބައިވެރިންނާ ރީހާން ވަރަށް ތަފާތެވެ. އެހެން ބައިވެރިން ފުރުސަތުތައް ހޯދަނީ ޝޯއިން ވަކިވުމަށްފަހު އެވެ. ނަމަވެސް މިހާރު ވެސް ރީހާންއަށް ދާންވީ މަގު އޮތީ ފެންނާށެވެ. އެ މަގު ވަނީ ހޯދާފަ އެވެ. ރީހާން ދެން ފެންނިގެން ދާނީ އޭނާއާއެކު އަލަށް އުފައްދާ ބޭންޑަކުންނެވެ. އެއީ މަޝްހޫރު ބޮޑުބެރު ގުރޫޕް ބިދަބިންގެ ތެރެއިން އުފެދިގެން އަންނަ ބޭންޑެކެވެ.

"ކުރިއަށް ދާން ނިންމާފައިވަނީ އަމިއްލަ ބޭންޑަކާއެކު، ބޭންޑެއް ވެސް ފައިނަލްވެފަ މިހާރު އޮތީ، އެ ބޭންޑަކީ ބިދަބިން ޕޮޕް ބޭންޑް،" ރީހާން ބުންޏެވެ.

އާ ދަތުރެއް ފެށުމަށް ރީހާން އަތުކުރި އޮޅާލައިގެން ހުރިއިރު އޭނާއަށް ނިމިގެން ދިޔަ މޯލްޑިވިއަން އައިޑޮލްގެ ދަތުރަކީ މިހާތަނަށް އޭނާ ކުރި އެންމެ ތަފާތު، ގިނަ ކަންތައްތަކެއް ދަސްވި ދަތުރެވެ.

"އައިޑޮލްގެ ޕްލެޓްފޯމަކީ މި ދާއިރާއިން ކުރިއަށް ދާން ތިބި ކުދިންނަށް ހަމަ ރަނުގެ ފުރުސަތެއް، މިވީ ދުވަސްތަކުގައި ވެސް އަޅުގަނޑަށް ވޯކަލީ ވެސް އެހެނޫން ކަންކަމުން ވަރަށް ބައިވަރު އެއްޗެހި ދަސްވި، ލަވަ ކިޔުންތެރިއަކަށް އެނގެން ޖެހޭ ވަރަށް ބައިވަރު އެއްޗެހި ދަސްވެއްޖެ، އަސްލު މިތަނަށް އައި ފަހުން އަޅުގަނޑަށް ރިއަލައިޒްވީ ވޯކަލީ އަޅުގަނޑަށް އެއްޗެހިތައް ނޭނގޭ ކަން ވެސް، މިތަނުން މި ދަސްވި އެއްޗެއްސަކީ އަޅުގަނޑު ދޫކޮށްލާނެ އެއްޗެއްސެއް ނޫން،" ރީހާން ބުންޏެވެ.

"ވަރަށް ތަފާތު ތަޖުރިބާއެއް މި، ސަޅި ކަންތައްތަކާއި ދެން ކެތްތެރިކަން ވެސް މިއީ މި ޖާނީގެ ތެރެއިން ވަރަށް ބޮޑަށް ދަސްވެގެން ދިޔަ ކަމެއް،"

ރީހާން ބުނި ގޮތުގައި، އައިޑޮލްގެ ޓޮޕް 10 އާ ހަމައަށް އާދެވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެހާ ހިސާބަށް އައުމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ވަރަށް ހާއްސަ ޝުކުރެއް ރީހާން ވަނީ އަދާކޮށްފަ އެވެ.