ބޭރު ކުޅިވަރު

Mar 26, 2017

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ބަލްގޭރިއާ އަތުން 2-0 އިން ނެދަލޭންޑްސް ބަލިވިއިރު، ގްރީސް އަތުން ބެެލްޖިއަމް ސަލާމަތްވީ މެޗުގެ ފަހު ވަގުތުގައި ފޯވަޑް ރޮމެއޫ ލުކާކޫ ޖެހި ލަނޑުންނެވެ.

ބަލްގޭރިއާގައި ރޭ ކުޅުނު މެޗުގައި ބަލްގޭރިއާގެ ދެ ލަނޑު ވެސް ޖެހީ ސްޕަސް ޑެލޭފް އެވެ. މެޗުގެ ފުރަތަމަ 20 މިނިޓުގެ ތެރޭގައި ޑެލޭފް ދެ ލަނޑު ވެސް ޖެހީ ނެދަލޭންޑްސްގެ ޒުވާން ޑިފެންޑަރު މެތިސް ޑެލިގް އަށް ހެދުނު މިސްޓޭކްތަކުގެ ފައިދާ ނަގައިގެނެވެ. އުމުުރުން 17 އަހަރުގެ ޑެލިގް އަކީ 1931 ވަނަ އަހަރުގެ ފަހުން ނެދަލޭންޑްސްގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

މި މޮޅާއެކު ބަލްގޭރިއާ ވަނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ނެދަލޭންޑްސް އޮތީ ހަތް ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގަ އެވެ. ނެދަލޭންޑްސް މި ގުރޫޕްގައި މިހާތަނަށް ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ.

ގުރޫޕް އެޗްގައި ގްރީސް އާއި ބެލްޖިއަމް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ. މި މެޗުގެ 46 ވަނަ މިނިޓުގައި ބެލްޖިއަމް އަށް ލީޑު ހޯދައިދިނީ ކޮސްޓަސް މިޓްރޮގްލޫ އެވެ. މި މެޗުން ގްރީސް މޮޅުވާން ދަނިކޮށް، ބެލްޖިއަމް ސަލާމަތްވީ މެޗުގެ 89 ވަނަ މިނިޓުގައި ލުކާކޫ ޖެހި ލަނޑުންނެވެ. މުހިންމު ކުޅުންތެރިން ކަމަށްވާ އެޑެން ހަޒާޑާއި ކެވިން ޑެބްރޮއިނާ ނުލައި ކުޅެމުންދިޔަ ބެލްޖިއަމް އިން ކުޅުން ވަރުގަދަކުރީ މެޗުގެ 65 ވަނަ މިނިޓުގައި ގްރީސްގެ ޕަނަގިއޮޓިސް ޓަޗްސިޑިސް އަށް ރަތްކާޑު ދެއްކި ފަހުންނެވެ.

ބެލްޖިއަމް ގުރޫޕުގެ އެއްވަނައިގައި އޮތީ 13 ޕޮއިންޓާއެކު އެވެ. ގްރީސް ދެވަނައިގައި އޮތީ 11 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތީ ބޮޒްނިއާ އެވެ. މި ގުރޫޕްގައި ރޭ ޖިބްރޯލްޓާ އަތުން ބޮޒްނިއާ މޮޅުވީ 5-0 އިންނެވެ.