(23 މާރިޗު 2017 އާ ގުޅޭ)
"ހޫނ! އެބަ އަޑުއިވޭ..." ނިޔާނު ބުނެލިއެވެ.
"އަޑުއިވެއެއްނޫނޭ... މިކަމާ އެއްޗެކޭ ބުނެބަލަ. ނޫނީ މި ވާހަކަ ނުދައްކަންވީތަ؟" އައިރާ ކުރިއަށް ޖެހިލާ ނިޔާނުގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
"އޭތް! ރުޅިއައީތަ؟" އައިރާ ދެބުމަ ކައިރިކޮށްލަމުން ތުންކޮޅަށް ހަދާލި ގޮތް ފެނި ނިޔާނު ހީނލާފައި އަހާލިއެވެ. އެ އަޑު އިވުނެއްކަމަކު އައިރާ ޖަވާބެއް ނުދިނެވެ. އިރުކޮޅަކު އެހެން އިނދެފައި ސޯފާއިން ތެދުވެ ހިނގައިގަތީ އެތެރެއަށް ދާށެވެ. ހަމަ އެހިނދު އައިރާގެ އަތުގައި ނިކަން ހުސިޔާރުކަމާއެކު ނިޔާނު ހިފިއެވެ.
"މަޑުކޮށްބަލަ... އާދެބަލަ އިށީންނަން" އައިރާގެ އަތަށް ދަމާލުމުން އޭނާ އައިސް ނިޔާނުގެ ގާތުގައި އިށީނެވެ. އައިރާއަށް ބަލާލާފައި ނިޔާނު ހަށިފުރާ ނޭވާއެއްލިއެވެ. އަދި އައިރާއާ ދިމާއަށް އެނބުރިލާފައި ހަމަޖެހިލުމުގެ ގޮތުން ސޯފާއަށް އެއްފައި އަރުވާލިއެވެ.
"އައިރާ ބުނާގޮތެއް އަހަރެން ނަހަދާކަށްނޫން. އޮފީހުން ފުރުޞަތު ވެސް ލިބޭ. އަހަރެން ބިރުގަންނަނީ ދުރުގައި ހުންނަން ޖެހުމުން އަހަރުމެން ދެމެދަށް ހުސްކަމެއް އަތުވެދާނެތީ. ފައިސާކޮޅަކަށް މިގާތްކަން ދުރުވާކަށް އަހަރެން ބޭނުމެއްނޫން"
"ކެތްތެރިކަމަކީ ކޮންމެ އިންސާނެއްގެ ގައިގާ ވެސް ހުންނަން ޖެހޭނެ ރީތި ސިފައެއް. އަހަރެން ވެސް އަބަދަކު ބޭނުމެއްނޫން ނިޔާނު ދުރުގައި ހުންނާކަށް. މިހާރުގެ ހާލަތަށް ވިސްނާފައި އެހެން ބުނީ. އަތުގައި ފައިސާކޮޅެއް އެއްވީމަ އިތުރު ގޮތެއް ޚިޔާރުކުރެވިދާނެ. މިހާރު ކަމެއް ދިމާވިޔަސް އަތުގައިނެތް ފަހަށް ރައްކާކުރެވިފައި އެއްވެސް އެއްޗެއް... ނިޔާނު! އަހަރެން ވަރަށް ވިސްނާފައި ނިޔާނު ގާތުގައި މި ވާހަކަ މި ދެއްކީ. އަހަރެން ވެސް ބޭނުމެއްނޫން ނިޔާނާ ވަކިން އެންމެ ދުވަހެއް ވެސް ހޭދަވެގެންދާކަށް"
"އަދިވެސް އައިރާގެ ތި ނިންމުމާމެދު ވިސްނާލާ. ހަފްތާ އަދި މިފެށުނީ. އެހެންވީމަ ހަފްތާ ނިމެންދެން އަހަރެން ބޭނުންވަނީ އައިރާ މިހާރަށްވުރެ ވެސް ބޮޑަށް ވިސްނާފައި ނިންމާގޮތެއް ބުނެދޭން. އެ ނިންމުމަކަށް އަހަރެން ފާޑެއް ނުކިޔާނަން. އައިރާ އެދޭ ގޮތަށް އަހަރެން އަބަދުވެސް ކަންތައްކުރާނީ"
"ތެންކިއު... އައި ލަވް ޔޫ" ނިޔާނުގެ ވާހަކަ އަޑުއަހާފައި އައިރާ ހިނިތުންވެލިއެވެ. އަދި ނިކަން ލޯބިން ނިޔާނުގެ ދެއަތުގައި ހިފާލިއެވެ.
"ދެން ހިނގާ ނިދަން... އަހަރެން ވަރަށް ވަރުބަލި ވެސް ވެއްޖެ" ނިޔާނު ހިނިތުންވެލައިގެން ހުރެ އައިރާގެ އަތުގައި ހިފައިގެން ސޯފާއިން ތެދުވެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.
* * * *
ގޮނޑި ދަމާލަމުން މޭޒުދޮށުގައި ރުބީނާ ހަމަޖެހިލިއެވެ. ދިހަ ބުރީގެ "ޤުލްފާމް"ގެއަށް އައިސް އެ އިނީ ސަލްމާ ބުނެގެންނެވެ. އެއީ ސަލްމާގެ ގެއެވެ. ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅަށްވުމުން މިއަދު އެ ގޯތި އެއްކޮށް އޮތީ ސަލްމާއަށް ލިބިފައެވެ. ހެނދުނުގެ ދިހައެއް ޖަހާކަން ހާއިރެވެ. އެންމެ މިޒަމާނުގެ ބަދިގޭގެ އެއްފަރާތުގައި ހުރި ހަތަރެސްކަން ދިގު މޭޒު ދޮށުގައި ރުބީނާ އިނީ ސަލްމާ އެދިގެން ސައިބޯށެވެ. ބަލިވެ އުޅުމަށްފަހު މައުރީންގެ ހާލު ވެސް މުޅީން ރަނގަޅުވެ މިއަދަކީ އޭނާ ސުކޫލަށް ވެސް ނުކުތް ދުވަހެވެ. އެހާވަރުން ސަލްމާމެންގެއަށް އޭނާއައީ ގޭގައި ހުންނަން ބޭނުންނުވާތީއެވެ.
"އެއްކަލަ ދުވަހުގެ ފަހުން މަށަށް ތިގެއަށް ޖައްސާ ވެސް ނުލެވޭ. ނިޔާނުގެ އަންހެނުން އަޅާ އުޅޭ ހެދުން ބަދަލުކުރީއޭ ބުނީމާ ބަލާލަން ދާހިތުން މިހުންނަނީ"
"އެ ވާހަކަ ނުދައްކާ ސަލް. އޭނާ ހީކުރަނީ ހެދުން ބަދަލުވީމާ އަހަރުމެންނާ އެއްހަމައަކަށް އާދެވުނީއޭ. ގޭގައި ހުރިހާ އިރަކަށް މިހާރު ކައްކާ ހަދަނީ އޭނާ. މަވެސް ފަސޭހަކޮށްލަން އަޅައެއްނުލަން. އެހާ ކުރާހިތްވަންޏާ ކޮށްފާނެއެއްނު" ސަލްމާމެންގޭގައި ބަދިގޭ މަސައްކަތްކުރަން ގެންގުޅޭ ކުއްޖާ ކޮފީތަށި ގެނެސް މޭޒުމަތީ ބެހެއްޓުމުން ރުބީނާ އޭނާގެ ކައިރިއަށް އެ ތަށި ދަމާލިއެވެ.
"ރަނގަޅު. އަޅާ ވެސް ލާނެކަމެއްނެތް. ބަދިގޭ މަސައްކަތްކުރާނެ މީހެއްނު ތިލުބުނީ" ރުބީނާއާއެކު ސައިބޯން މޭޒުދޮށުގައި އިން ސަލްމާ ހީނލިއެވެ.
"އަހަރެން ދެއްކީމެއްނު ޖީލާންއެއްގެ ވާހަކަ. އޭނާގެ އަންހެންކުއްޖާއަށް ނިޔާނު އެނގޭ. އަސްލު ނިޔާނާ ގުޅެންވީ ކުއްޖަކީ އެއީ. އެކަމަކު މި ވަބާއެއް ގެއަށް ފާވީސުރެން ސައުވީސްގަޑިއިރު ނިޔާނު އުޅެނީ އޭނާގެ ފައިންޕުޅު ފެންނަ ހިސާބުގައި. ރުޅިގަދަވެގެން ދަތްކޮޅު ފައިބާވަރުވެފައި ހުންނަނީ. އަދި މައުރީންގެ ބޮލަށް އެރެންވެގެން ދެމަފިރިން ބޭރަށް ގޮސްފައި އަންނާނީ އެކުއްޖާއަށް ކަމުދާ ކަހަލަ ހަދިޔާ ހިފައިގެން"
"އަހަރުމެންނަށް ވެސް ފުރުޞަތެއް ނުލިބެނީސް ކަމެއް ހިންގާލާކަށްނުވާނެއެއްނު" ރުބީނާގެ ވާހަކަ އަޑުއަހަން އިނދެފައި ސަލްމާ ބުންޏެވެ.
"ތިކަން ވެސް އެނގޭ. އެހެންވީމަތާ ދަތްކުނޑިވިކާލައިގެން ހިމޭނުން މި ހުންނަނީ"
"ރޫބީ. އަހަރެންގެ ދޮށީމީހާ އަންނަމަހު ވިހާނެ. ހިނގާބަލަ އަހަންނާއެކު ލަންކާއަށް ޖައްސާލަން. އެ މަންޖެ ވިހަންވާއިރަށް އެކޮޅަށް ދާންވާނެއެއްނު. އަހަރެން ފޫހި ފިލާނެ ރޫބީ އަހަންނާއެކު ހިނގައްޖެއްޔާ"
"ސީރިއަސްކޮށްތަ؟ އެކަމަކު... އަންނަ މަސްވީމަ މައުގެ ޓެސްޓު ދުވަސްކޮޅާ ދިމާވާނެ"
"ރޫބީ ނެތަސް ގޭތެރޭގެ ކަންތައްތައް ކުރަން ނިޔާނުގެ އަންހެނުން ހުންނާނެއެއްނު. މައު ވެސް ކުޑައެއްނޫނެއްނު. އޭނާ ފިލާވަޅު ދަސްކުރޭތޯ ބަލަން ނިޔާނު ވެސް ހުންނާނެ... ރޫބީ ނެތަސް މައުގެ ކަންކަން ނިޔާނު ބަލާނެ"
"ވަރަށް ދާހިތްވޭ ސަލްއާ އެއްކޮށް. އެކަމަކު މައުރީންނާއި ނިޔާނުގެ ގާތުގައި ބުނެލާފައި ގޮތެއް ނިންމޭނީ. މައުގެ ގޮތް ސަލްއަށް ވެސް އެނގޭނެ. އެކުއްޖާ މިހާރު ވެސް ފާރަލާވަރު އެނގެއެއްނު. އާދިލްއާއެއްކޮށް މިހާރު ބޭރަކަށް ނުދަން އެއްގޮތަކަށް ވެސް. ބައެއްފަހަރު އޭނާ ގުޅާވަރުން ފޯނު ވެސް ނަގަނީ. އެކަން ވެސް މައުއަށް ފާހަގަވެއްޖެ. އަހައިފި މަންމަގެ ބޯއިފްރެންޑް ކޮބާހޯ. މިހާރު ނާދޭ ހެއްޔޯ" ރުބީނާ މިހެން ބުނުމާއެކު ސަލްމާ ހީނގަތެވެ.
ސަލްމާއޭނާގެ ހަގު ދަރިފުޅު އުޅޭ ގެއަށް ދާން ކާރުގައި ނުކުމެފައި ރުބީނާ ގެނެސް އޭނާގެ ގެއަށް ލައިދިނެވެ. އަދި ސަލްމާއަށް އަވަސް ޖަވާބެއް ދިނުމަށް ހަނދާންކޮށްދިނެވެ.
އެޕާޓްމެންޓާ އަރާ ހަމަވިއިރު ދޮރު ހުޅުވާލާފައި ހުރިތަން ރުބީނާއަށް ފެނުނެވެ. އަވަސްއަވަހަށް އެތެރެއަށް ވަންއިރު ބަދިގެ ތެރޭގައި އައިރާ ހަރަކާތްތެރިވާތީ ފެނެއެވެ. އޭނާ މެންދުރަށް ކާމޭޒުމަތި ތައްޔާރުކުރަނީއެވެ.
"ވަގުން އެހާގިނައިރު މިބައިގެ ދޮރު ތަންމިނަށް ހުޅުވާލައިގެން ނޫނީ ކަލެއަށް ކަމެއް ވެސް ނުކުރެވެނީތަ؟ ބަލަ މީ ކަލޭގެ ރަށެއްނޫނޭ ވަށައިގެން ހަތަރުފަރާތުން ހުޅުވާ އަޅައިގެން ހުންނާކަށް"
"މަންމާ!..."
"މަށަކަށް މަންމަ ކިޔާނެކަމެއްނެތް" ނުރުހިފައި ނިކަން ބާރަށް ރުބީނާ ބުނެލިއެވެ.
"މަސް ތެލުލީމާ ގޭތެރޭ ދުން ހިފާހެން ހީވެގެން ދޮރު ހުޅުވާލީ... އޭރުން ތަންކޮޅެއް އަވަހަށް ވަސް ވެސް ބޭރުވާނެ" އައިރާ ވާހަކަދައްކަ ދައްކާ ހުއްޓާ ރުބީނާ ގޭތެރެއަށް ވަދެގެން ދިޔައެވެ. އޭނާ ބުނި އެއްޗެއް ރުބީނާއަށް އެއްކޮށް އަޑު އިވޭނެ ހެނެއް ވެސް ހިޔެއްނުވެއެވެ. ދޮރާ ދިމާއަށް އިރުކޮޅަކު ބަލަން ހަރަކާތެއްކޮށްނުލާ އައިރާ ހުއްޓެވެ. ދެން އޭނާ އަވަހަށް ގޮސް އެޕާޓްމެންޓުގެ މައިދޮރު ލައްޕާ ތަޅުލީ ކުށެއް ކުރެވުމުން އެކަން އިސްލާހުކުރަން އުޅޭ މީހަކު ފަދައިންނެވެ. އަދި ކުރަން ހުރި މަސައްކަތަށް އެނބުރި އައީ ދެނެވެ.
އެއްގަޑި ފަނަރަ ހާއިރު ނިޔާނު ގެއަށް އައިސް ވަންއިރު އައިރާ ފެންވަރާ ރީތިވެލައިގެން އެނދުގައި އޮތެވެ. އޭނާގެ އަތުގައި ވަރަށް ފަހުން ގަތް ދިވެހި ވާހަކަ ފޮތެއް އޮތެވެ. ފޮތަށް ބަލަހައްޓައިގެން އިނެއްކަމަކު އޭނާ އެ ފޮތް ކިޔަނީއެއްނޫނެވެ. ކޮޓަރިއަށް ނިޔާނު ވަނުމުން އަވަހަށް އެނދު މައްޗަށް ފޮތް ދޫކޮށްލާފައި ހިނިތުންވުމަކާއެކު ނިޔާނާ ބައްދަލުކުރިއެވެ. އޭނާ ގޮވައިގެން ކާމޭޒު ދޮށަށް އައިރާ އައެވެ.
"ހާދަ ވަސް ރަނގަޅޭ" މަތި ޖަހާފައި ހުރި ތަށިތައް ހާމަވާން ފެށުމުން ނިޔާނު ބުނެލިއެވެ.
"ރޮށިތަ، ބަތްތަ" އައިރާ އަހާލިއެވެ.
"ބަތް ކާނީ. އައިރާ! މިއަދު ބޮޑު މީހާ ބުނެފި ނޫނަށް ޖައްސާލަންވެއްޖެޔޭ. އައިރާގެ ނިންމުން ބަދަލު ނުކުރާތީ އަހަރެން ވެސް ހިތަށް އެރީ އެ ފުރުޞަތައް ނޫނެކޭ ނުބުނާނަމޭ"
"ހުރިހާކަމެއް ހަމަޖެހޭތަ؟ މިބުނީ ހުރުމާ ކެއުމާ ކަންތައްތައް؟"
"އާން! އޮފީހުން ކޮންމެފަހަރަކު ވެސް އެކަންތައްތައް ހަމަޖައްސާނެ. މިފަހަރު ހަމަހެއްނުވާނެއޭ ބުނި. ދަތުރުގެ ތަފްޞީލު ލިބޭނީ އަދި ފަހުން. އައިރާ އޯކޭތަ؟"
"އާން! އަހަރެންތާ ބުނީ އޮފީހަށް އެހެން އަންނަ ފުރުޞަތުތަކުގެ ބޭނުން ހިފާށޭ. ފުރަން ޖެހޭ ތާރީޚެއް އެނގުނީމަ ބުނޭ. އަހަރެން ނިޔާނުގެ ދަތުރަށް ބޭނުންވާ އެއްޗެހި ތައްޔާރުކޮށްދޭނަން. ހަމަހަށްވުރެ ކުރު ވެއްޖެއްޔާ ރަނގަޅުތާ ދޯ" އައިރާ ހިނިތުންވެލި ނަމަވެސް އޭނާގެ ހިތަށް އުނދަގޫ އިހުސާސްތަކެއް އެވަގުތު ކުރެވިގެންދިޔައެވެ.
މެންދުރު ކައިގެން ނިޔާނު އެނބުރި އޮފީހަށް ދާން ނުކުން ވަގުތާ މައުރީން އައިސް ގެއަށް ވަން ވަގުތާ ވީ އެއްވަގުތަކަށެވެ. އެއްޗެއް ބުނާނޭހާ ވަގުތު ނެތުމުން މައުރީންގެ ފަހަތަށް ގަތާލާފައި އޮތް އިސްތަށިގަނޑަށް ދަމާލާ ސަމާސާއެއް ކޮށްލާފައި ނިޔާނު ނުކުމެގެން ދިޔައެވެ. މައުރީން ޔުނީފޯމާއެކު އައިސް ކާމޭޒު ދޮށަށް ކައިރިވެލިއެވެ. ކާން ހުރި އެއްޗެއް އޮޅުން ފިލުވާލިއެވެ. އަދި ނިކަން އުފާވެލާފައި ދުވަމުން ކަހަލަ ގޮތަކަށް އޭނާގެ ކޮޓަރިއަށް ދިޔައެވެ. މެންދުރު ކާން ވެގެން އައިރާއާއި މައުރީން ކާމޭޒުދޮށުގައި އީށީންނަމުން ރުބީނާއަށް ކާން ގޮވަން އައިރާ އެދުނީ މައުރީންގެ ގާތުގައެވެ.
"މަންމަ ބުނީ ނުކާނަމޯ... ހީވަނީ މަންމަ އަދި ބަނޑުހައި ނުވަނީހެން... ހިނގާ އަހަރުމެން ކާން" ރުބީނާ ހޯދަން ދިޔަ މައުރީން އެނބުރި އައިސް ކާމޭޒުދޮށުގައި އިށީނެވެ. އަދި ރުބީނާ ބުނި އެއްޗަކާމެދު އެއްވެސް ފަރުވާލެއްނެތް ފަދައިން އޭނާ ކެއުމައިގެން އުޅުނެވެ.
އިރުއޮއްސުނު ވަގުތެވެ. ކޮޓަރީގައި އުޅެފައި ނިޔާނު ނުކުތީ މަޣުރިބު ނަމާދަށް ގޮވުމުން މިސްކިތަށް ދާށެވެ. އޭނާ ނުކުން ވަގުތު ސިޓިންރޫމުގައި ޓީވީއިން ބޭރު ޗެނަލެއް ބަލަން އިން ރުބީނާ ނިޔާނަށް ގޮވާލިއެވެ.
"ނިޔާނަށް ވަގުތު އޮތިއްޔާ ވާހަކައެއް ބުނަންވެފައި އެބައޮތް" ރުބީނާ ބުނެލިއެވެ.
"މިވަގުތުތަ؟ މިހާރު މިދަނީ މިސްކިތައް... އަންނާނީ އިޝާ ނަމާދު ވެސް ކޮށްލައިގެން"
"ހޫން! ދޭބަލަ ތިދާތާކަށް ގޮސްފައި އަންނަން" ރުބީނާގެ އަޑުގައި ހުންނަ ނުރުހުމުގެ އަސަރު ނިޔާނަށް ފާހަގަވި ނަމަވެސް އެކަމާ އޭނާ އަޅައެއްނުލިއެވެ.
އަތުކުރީ އޮތް ގަޑިއަށް ރުބީނާ ބަލާލިއެވެ. އިޝާ ނަމާދަށް ގޮވާ ހިނގައްޖެއެވެ. އޭނާ ސިޓިންރޫމު ސޯފާގައި އިން ގޮތަށް އިނީއެވެ. ނިޔާނުގެ ގާތުގައި އޭނާ ބުނަން އުޅޭ ވާހަކަ ފަށާނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ. ނުރުހިފައި ހުރިއިރު ކޮންމެހެން ދުރުދުރުން ވާހަކަ ފެށުމުގެ ބޭނުމެއް އޮތް ކަމަކަށް ރުބީނާ ނުދެކުނެވެ. އޭނާގެ ސަމާލުކަން އެޕާޓްމެންޓުގެ ދޮރަށް ހުއްޓުނެވެ. ތަޅުހުޅުވާލާފައި އެތެރެއަށް ނިޔާނު ވަނީއެވެ. އޭނާ އެތެރެއަށް ދިއުމުގެ ބަދަލުގައި ރުބީނާއަށް ބަލާލަމުން ސޯފާގައި އައިސް އިށީނެވެ.
"މަންމަ ބުނަން އުޅޭ ވާހަކައެއް ބުނެބަލަ. އަހަރެން ވެސް އެބައޮތް ބުނަންޖެހޭ ވާހަކައެއް" ނިޔާނު މިހެން ބުނުމާއެކު އޭނާއަށް ފާޑަކަށް ރުބީނާ ބަލާލިއެވެ.
"ސަލްމާދައްތަ އެނގެއެއްނު. އޭނާގެ ދަރިއަކު ހުރީ ލަންކާގައި. އަންނަމަހު ވިހާނެ. މަންމަ މިއުޅެނީ ސަލްމާއާއެކު ލަންކާއަށް ދާންވެގެން"
"އެކަމަކު މަންމާ. އަހަރެން އަތަކު މަންމަ ލަންކާއަށް ފޮނުވާނެހާ ފައިސާއެއްނެތް"
"މަ ބުނެފިންތަ ނިޔާނު ގާތުގައި ފައިސާ ދޭށޭ. ބަލަ ސަލްމާއޭ އަހަރެންގެ ހުރިހާ ޚަރަދެއްގައި ހިފަނީ. މި ވާހަކަ އެހާވަރަކުން ނިޔާނު ގާތުގައި ދައްކަން މިޖެހުނީ މައުރީން ގޭގައި ހުންނާނެތީވެ. އޭނާގެ ޓެސްޓު ދުވަސްކޮޅާ ދިމާވާތި އޭނާ އުޅޭ ނޫޅޭ ގޮތް ނިޔާނު ބަލާލަ ދެއްޗޭ ބުނަންވެގެން... އަނެއްކާ އެކަން ވާނެތަ؟"
"އަހަރެން އަބަދު ގޭގައި ނެތަސް އައިރާ ހުންނާނެ. އަހަރެން ގޭގައި ހުންނަ ފަހަރަކު މައުގެ ކަންކަން ބަލާނަން. އެކަމާ މަންމަ ނުޖެހޭނެ ވިސްނާކަށް... މަންމަ ދާން ބޭނުންތަނަކަށް ހަމަ ދާންވީ"
"ހޫން! ނިޔާނު ބުނަން އުޅުނީ ކޮންވާހަކައެއްތަ؟" ނިޔާނުގެ ވާހަކަ އަޑުއިވިފައި ހިތްހަމަޖެހުނު ވަރުން މިފަހަރު ރުބީނާއަށް ނިޔާނާ ވާހަކަދެއްކުނީ ތަންކޮޅެއް ރީތިކޮށެވެ.
"އަހަރެން... ފުރަން އުޅޭ ވާހަކަ... އަނެއްކާ ވެސް ރާއްޖެތެރެއަށް އޮފީސް ފަރާތުން ދާންޖެހޭތީ" ނިޔާނު ބުނެލިއެވެ.
(ނުނިމޭ)