ދުނިޔެ

ފަސް އަހަރުގެ ކުއްޖެއްގެ މޭކަޕް ފިލާވަޅުތައް ބޮޑު ބަހުސަކަށް ވެއްޖެ

Mar 26, 2015

މޭކަޕް ކުރުމާ ބެހޭ ގޮތުން، އުމުރުން ފަސް އަހަރުގެ އަންހެން ކުއްޖަކު އިންޓަނެޓްގައި އާންމުކޮށްފައިވާ ވީޑިއޯތަކެއް ބޮޑު ބަހުސެއްގެ ތެރެއަށް ހިނގައްޖެ އެވެ.

ކޮލަމްބިއާގެ މި ކުޑަ ކުއްޖާގެ ބިއުޓީ ޓިޕްސް ބޮޑު ބަހުސަކަށް ވެގެން އުޅެނީ ވެލަންޓައިސް ދުވަހަށް މޭކަޕްކުރާނެ ގޮތާއި "ފްރޯޒެން" ގެ ސިފަތަކަށް މޭކަޕްކުރުން ފަދަ ވީޑިއޯ ފިލާވަޅުތައް އާންމުކުރުމާ އެކުގަ އެވެ. އެއް ބަޔަކު ބުނަމުން ދަނީ ކުޑަކުޑަ ޑާނާ ގޮމޭޒްގެ ހުނަރުވެރިކަން ހުރި ނަމަވެސް މިއީ ކުޑަކުއްޖަކު ލައްވައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ޑާނާ އަށް ފޭސްބުކްގައި އެއްބަޔަކު ތައުރީފް އޮއްސަމުން ދާއިރު އަނެއް ބަަޔަކު ބުނަނީ ކުޑަ ކުއްޖަކު މި ބޭނުންކުރެވެނީ ޖިންސީ ކަމެއްގައި ކަމަށެވެ.

"ބެލެނިވެރިން ކުދިންނަށް ދަސްކޮށްދޭންޖެހޭނީ ހަގީގީ ރީތިކަމަކީ މޫނުގައި މި ހުރިހާ ކުލަތަކެއް ހާކައިގެން އަންނަ ކަމެއް ނޫން ކަމަށް،" އެކަކު ލިޔެފައިވެ އެވެ.

މިހާރު އެތައް މިލިއަން ބަޔަކު ބަލާފައިވާ ވީޑިއޯތައް އާންމުކުރި، ޑާނާގެ ބޮޑުދައިތަ އޭނާގެ އަމަލު ދިފާއުކުރެ އެވެ.

"ހަފުތާ ބަންދުގައި އޭނާ ކުރާ ކަމަކީ އަހަރެންގެ އައިޕެޑް ގެންގޮސް، މޭކަޕްކޮށް ވީޑިއޯ ކުރުމަށް ފަހު ދެން ހުންނަ ގޮތެއް ބެލުން. އެއީ އޭނާގެ ކުޅުމުގެ ބައެއް،" ޑާނާގެ ބޮޑުދައިތަ ބުނެފައިވެ އެވެ.