ކުޅިވަރު

ކިތަންމެ ބޮޑު އަގެއް ދިނަސް ޑޮނަރުއްމާ ނުވިއްކާނެ

Mar 26, 2017

އޭސީ މިލާންގެ ގޯލް ކީޕަރު ޖިއާންލުއީޖީ ޑޮނަރުއްމާއަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށް އެ ކުލަބުގެ ރައީސް ސިލިވިއޭ ބެރުލުސްކޯނީ ވިދާޅުވެއްޖެ އެވެ.

އުމުރުން 18 އަހަރުގައި، އޭސީމިލާންގައި ޑޮނަރުއްމާ ދައްކަމުންދާ ކުޅުމުން، އޭނާ ގަތުމަށް، ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީއިން ދަނީ މަސައްކަތް ކުރަމުން ނެވެ.

އޭސީ މިލާންގެ ޔޫތު ސިސްޓަމްގެ ތެރެއިން އައި ކުޅުންތެރިޔާއަށް ވަނީ، މިދިޔަ ސީޒަންގައި އޭނާގެ ކުޅުން ފާހަގަ ވެގެން ޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމު ޔަގީން ވެފަ އެވެ. އޭސީމިލާންގެ ޓީމުގައި އޭނާ ވަނީ 63 މެޗު ކުޅެފަ އެވެ. އޭނާއަކީ ޔޫރަޕްގެ އެންމެ އުންމީދީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެކެވެ.

އަދި ޖިއާން ލުއީޖީ ބުފޯން އަށްފަހު، އިޓަލީގެ އެއްވަނަ ކީޕަރަކަށް ވާނީ ވެސް ޑޮނަރުއްމާ ކަމަށް ވަނީ ބެލެވިފަ އެވެ.

ޑޮނަރުންމާ މިލާނާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަންގެ ނިޔަލަށެވެ. ނަމަވެސް ބެރުލަސްކޯނީ ހުރީ، ރެއާލް އާއި ސިޓީއިން ކިތަންމެ ބޮޑު އަގެއް ހުށަހެޅިޔަސް ޑޮނަރުއްމާ ވިއްކާ ގޮތަކަށް ނޫނެވެ.

"އެއީ އަހަރެމެން ވިއްކާ ކުޅުންތެރިޔެއް ނޫން، ޑޮނަރުންމާ އަކީ މިލާންގެ އެއް ބައި، އޭނާ އަކީ އަހަރެމެންގެ ޔޫތު އެކެޑެމީގެ އަގު ހުރި އުފެއްދުމެއް، މި ކުލަބާއި ކުލަބުގެ ކަޅާއި ރަތުގެ ކުލައާ ވަރަށް ބޮޑަށް ގުޅިފައިވާ ކުޅުންތެރިޔެއް އެއީ،" ބެރުލަސްކޯނީ ވިދާޅުވި އެވެ.

ޑޮނަރުއްމާ، ޔޫތު ކެރިއާ ފެށީ 2003 ވަނަ އަހަރު ނަޕޯލީއިން ނެވެ. މިލާންގެ އެކެޑެމީ އަށް އޭނާ ބަދަލުވީ 2013 ވަނަ އަހަރު އެވެ.