ޒަކާތް

މުދަލު ޒަކާތް ބެހޭ ފަގީރުން އަދަދު ދަށަށް

ރާއްޖޭގައި މުދަލު ޒަކާތް ބެހޭ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު 52000 އިން 12305 ދަށްވެއްޖެ އެވެ. މި ހިސާބުތައް އައިސްފައިވަނީ މިނިސްޓްރީގެ މިދިއަ އަހަރުގެ އަހަރީ ރިޕޯޓް މިއަދު ނެރުނު އިރު ހިމަނާފައިވާ ތަފާސްހިސާބުތަކުންނެވެ. ރިޕޯޓު ނެރެދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ.

އެ މިނިސްޓްރީގެ 2016 ވަނަ އަހަރީ ރިޕޯޓުގައި ބުނާ ގޮތުން މުދަލު ޒަކާތް ބަލައިގަތުމާއި އެ ޒަކާތް ނެރުމުގައި ގެންގުޅޭ އުސޫލުތަކަށް ވޭތުވެދިޔަ އަހަރު ވަނީ ބޮޑު ބަދަލު ތަކެއް ގެނެސްފަ އެވެ. އެ ގޮތުން މުދަލު ޒަކާތް ނެގުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ހަވާލުކޮށް ޒަކާތް ބެހޭ ފަގީރުންގެ ލިސްޓު 52000 އިން ވަނީ 12305 އަކަށް ދަށް ވެފަ އެވެ. އެހެންކަމުން މުދަލު ޒަކާތުން ކޮންމެ ފަގީރަކަށް ޖެހޭ ފައިސާގެ އަދަދު 400 ރުފިޔާ އިން 900 ރުފިޔާ އަށް މިހާރު ވަނީ ބޮޑުވެފަ އެވެ.

ރިޕޯޓުގައި މިދިއަ އަހަރު މިނިސްޓްރީން ކޮށްފައިވާ ބައެއް މަސައްކަތްތައް ފާހަގަކޮށްފައިވެ އެވެ. ރިޕޯޓް ނެރުނު ހަފުލާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވެސް ވިދާޅުވީ ސަރުކާރުގެ އިސްލާމީ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ވޭތުވެދިޔަ އަހަރު ގިނަ މަސައްކަތް ތަކެއް ކޮށްފައިވާނެ ކަމަށެވެ.