ދުނިޔެ

ހަނގުރާމަވެރިންގެ ބާރު ގަދަވުމާ އެކު ޔަމަންގެ ރައީސް ގައުމު ދޫކޮށް ވަޑައިގެންފި

Mar 26, 2015

ޔަމަންގެ ޝީއީ ހަނގުރާމަވެރިން އެ ގައުމުގެ ރިޔާސީ ގަނޑުވަރު ހުންނަ އަދަނަށް އަރައި އެ ސިޓީ ހިފާނެ ކަމުގެ ބިރު ބޮޑުވުމާ އެކު ރައީސް އަބްދު ރައްބު ހާދީ ކަނޑުމަގުން ގައުމު ދޫކޮށް ވަޑައިގެންފި އެވެ.

ޔަމަންގެ ސަލާމަތީ ބާރުތަކުގެ އޮފިޝަލުންނާއި ޕޯޓް އޮފިޝަލުން އެސޯސިއޭޓެޑް ޕްރެސް އަށް ބުނެފައި ވަނީ ރައީސް ވަޑައިގަތީ ބުދަ ދުވަހު މެންދުރު ފަހު ކަމަށެވެ. ރައީސް އޭނާގެ އަރިސް ބޭފުޅުންނާ އެކު ވަޑައިގަތީ ދެ ބޯޓެއްގައި ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ވަޑައިގަންނަވާ ތަނެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ހަފުތާ ބަންދުގައި މިސްރުގައި ބާއްވާ އަރަބި ސަމިޓަށް ހާދީ ވަޑައިގަތުމަށް ކުރިން ނިންމަވާފައިވެ އެވެ. އަދި އޭނާ ވަނީ ޝީއީ ހޫތީ ހަނގުރާމަވެރިންގެ ނުރައްކާ ޔަމަންގައި ބޮޑުވުމުން އދ.ގެ އެހީ އަށް ވެސް ކުރިން އެދިވަޑައިގެންފަ އެވެ.

ހޫތީންނަކީ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހުގެ ބާރުގެ ދަށުން ހަރަކާތެރިވާ ޖަމާއަތެއް ކަަމަށް ބުނެ އެވެ. މުޒާހަރާތަކަށް ފަހު އަލީ އަބްދުﷲ ސާލިހްގެ ވެރިކަން ވެެއްޓުނު ފަހުން ހޫތީ ހަނގުރާމަވެރިން ވަރުގަދަ ހަތިޔާރާ އެކު ސަރުކާރާ ދެކޮޅަށް ވަނީ ނިކުމެފަ އެވެ. ސުލްހަ ގާއިމުވޭތޯ މިހާތަނަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާއެއް ނުލިބެ އެވެ.