ހަބަރު

ވޯޓަށް ނުފޫޒު ފޯރާފާނެ ގޮތަކަށް ގާސިމް ވާހަކަފުޅު ދައްކަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ދޭ މެންބަރުންނަށް ޕާޓީތަކުގެ ޓިކެޓް ހޯދައިދީ އަންނަ ދައުރުގެ ކެމްޕެއިނަށް ބޭނުންވާ ހުރިހާ އެހީއެއް ވެއްދެއްވާނެ ކަމަށް ވިދާޅުވެ، ވޯޓަށް ނުފޫޒު ފޯރުވިދާނެ ގޮތަތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މައްޗަށް ނަގާ ވޯޓްގެ ޖަލްސާ ކުރިޔަށްދާއިރު ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ރާއްޖޭގައި އޮތް ބޮޑު ހަތަރު ޕާޓީގެ ލީޑަރުން މިހާރު ތިއްބެވީ އެކުގައި ކަމަށާއި އެ ލީޑަރުންގެ އެހީތެރިކަމެއް ނެތި ދެން އަންނަ ދައުރަކަށް މެންބަރުން ވޯޓު ނުލިބޭނެ ކަމަށެވެ. އެހެންކަމުން އެ ލީޑަރުންގެ ގާތަށް ވަޑައިގަތުމަށެވެ.

"މާދަމާ [މިއަދު] އަޅުގަނޑުމެންނަށް ތާއީދު ދެއްވާ ހުރިހާ ބޭފުޅުންނަށް، އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފެއްސަށް އޮއްބަވާ ހުރިހާ ބޭފުޅުންނަކީ، އެ ބޭފުޅަކު ހޮވިވަޑައިގެން ޕާޓީއަކުން އަޅުގަނޑުމެން ހަތަރު ލީޑަރުން ވެގެން އެ ބޭފުޅަކަށް ޓިކެޓް ދޭނަން، އަދި އިތުރަށް އެހީތެރިކަން ވެސް ވެދޭނަން، ހުރިހާ ގޮތަކުން، ދެން އެ މެންބަރުންގެ ގޮނޑި ސަލަމާތް ކުރުމަށްޓަކައި އަޅުގަނޑުމެން މި ދެންނެވި ކަންތައްތައް ކޮށްދިނުމަށްފަހު ދެން ކާކަށް ތޯ އަމިއްލަ ގޮތުން ނިކުމެވަޑައިގެން ކާމިޔާބު ވާނީ، ނުހޮވޭނެ ދެއްތޯ،" ގާސިމް ވިދާޅުވި އެވެ.