ކުޅިވަރު

ގައުމީ ޓީމް: ގައުމުގެ އެއްކުރާ ފާހަގަ!

Mar 28, 2017
2

ދެހާސް އަށް ވަނަ އަހަރަކީ، ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ބޮޑަށް ހަލަބޮލި ވެގެންދިޔަ ދުވަސް ވަރެވެ. ނަމަވެސް، ސިޔާސީ ހަލަބޮލި ކަމުގެ ތެރެއިން އެއްފަރާތްވެ، ގައުމު އެއް ހިޔާލަކަށް ގެނެސްދިނީ، ގައުމީ ފުޓްބޯޅަ ޓީމެވެ. ސާފް ޗެމްޕިއަންޝިޕް 2008 ގެ ޗެމްޕިއަންކަން ގައުމީ ޓިމު ހޯދުމުން، ރަތް ކުލައިގެ ހެދުން، ލައި ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް މާލޭގެ ޖުމްހޫރީ މައިދާން ޖަމާވި މީހުންނާއެކު މުޅި ޖުމްހޫރީ މައިދާން ރަތް ކޮށްލިއެވެ. ފާރުތަކުގައި ކުރަހައި ކުލަޖެއްސީ، ޕާޓީތކުގެ ކުލައެއް ނޫނެވެ. ގައުމީ ޓީމަށް މަރުހަބާ ކިޔުމަށް ފާރުތަކުގައި ކުލަލައި ކުރެހި ތަސްވީރުތައް އަދިވެސް މާލޭގެ ބައެއް ސަރހައްދުތަކުގައި އެބަހުއްޓެވެ.

މިރެއަކީ ރާއްޖޭގެ ފުޓްބޯޅައިގައި އަނެއްކާވެސް ހާއްސަ ރެޔެކެވެ. އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި، އަމިއްލަ ދަނޑުގައި ފަލަސްތީނާ ދެކޮޅަށް ނުކުންނަ މެޗެވެ. ގައުމީ ޓީމު އަމިއްލަ ދަނޑުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބުގެ އެންމެ ބޮޑު ސަބަބަކަށް އޮތީ ގައުމީ ޓީމުގެ ފަހަތުގައި، ދިވެހި ސަޕޯޓަރުން ތިބުމެވެ.

ގައުމީ ޓީމުގެ އާ ކެޕްޓަން އަސްހަދު އަލީ (އަޑޭ) ގަބޫލު ކުރާ ގޮތުގައި ދިވެހި ޓީމަށް ހިތްވަރު ދޭން ދިވެހި ސަޕޯޓަރުން ތިބެއްޖެނަމަ، ފަލަސްތީނާ ދެކޮޅަށް، ދިވެހި ޓީމަށް ނަތީޖާ ނުނެރެވެންވީ ސަބަބެއް ނެތެވެ. ޓީމުގެ ސަޕޯޓަރުން ޓީމުގެ ފަހަތުގައި، ތިބެއިރު، ދިވެހި ޓީމު އަބަދުވެސް ހިތްވަރުލަ އެވެ. ގައުމީ ޓިމުގައި ކުޅޭއިރު، ކުޅުންތެރިންނަށް އާ ހިތްވަރެއް ލިބޭކަމަށް ޓީމުގެ ކުޅުންތެރިން ވަނީ ފާހަގަ ކޮށްފަ އެވެ.

ކޮލިފައިންގެ ބުރު އަމިއްލަ ދަނޑުގައި ފަށަން ލިބުމަކީ، ކޮންމެ ޓީމަކަށްވެސް ލިބޭނެ ބޮޑު ހިތްވަރެކެވެ. ރާއްޖެއަށް އެ ފުރުސަތު ލިބިފައި އޮތް އިރު، ހޯމް އެޑްވާންޓޭޖްގެ އެންމެ ބޮޑު ފައިދާ، ނެގޭނީވެސް، ސަޕޯޓަރުން، ދަނޑަށް ވަދެ، ޓީމަށް ސަޕޯޓް ދިނުމުން ނެވެ.

ސިޔަސީ ކޮންމެ ކުލައަކަށް ނިސްބާތްވާ މީހަކަސް، އެމީހެއްގެ ހެޔޮ އެދުންތައް، ގައުމީ ޓީމަކަށްޓަކައި ބަނޑުން ކޮށްލަނީ، ސީޔަސީ ވިސްނުން އެއްކިބާ ކުރުމަށްފަހު އެވެ. ދަނޑުގައި ސަޕޮޓަރުން ރަމްޒު ކުރަނީ ދިވެހި ޓީމުގެ ކުލަ އެއް ދިވެހި ދިދައިގެ ކުލަ އެވެ. ބައިބަިވެފައިވާ ހިތްތައްވެސް އެއްތަނެއްގައި ތިބެ ޓީމަށް ހިތްވަރު ދެނީ ގައުމީ ޓީމަށްޓަކައެވެ. ޓީމު މޮޅުވާން އެންމެން އެދޭތީ އެވެ. ގައުމު އެއްކުރާ އެންމެ ބޮޑު ފާހަގަ އަކީ ގައުމީ ޓީމެވެ.