ފިނިޕޭޖް

ސިދްހާތު އަދި އާލިޔާގެ ގުޅުން އިއުލާންކޮށްފި

Mar 27, 2017
3

އަރަމުން އަންނަ ދެ ތަރިން ކަމަށްވާ ސިދްހާތު މަލޯތްރާ އަދި އާލިޔާ ބަޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކައަކީ މިހާރު ދެކެވޭތާ ދުވަސްގަނޑެއްވެފައިވާ ވާހަކައެކެވެ. ދެ ތަރިން އެކުގައި ބޮލީވުޑަށް ނިކުތް ދުވަހުން ފެށިގެން ދެ ތަރިންގެ ގާތް ގުޅުމުގެ ވާހަކަ ދަނީ ދައްކަމުންނެވެ.

މި ވާހަކަތައް ގަދަވެގެން ގޮސްފައިވަނީ "ސްޓޫޑެންޓް އޮފް ދަ އިޔާ"އަށްފަހު ވެސް މި ދެ ތަރިން އެކުގައި ވަރަށް ގިނައިން ފެންނަން ފެށުމުންނެވެ. އެކުގައި މި ދެ ތަރިންގެ އިތުރު ފިލްމެއް ވެސް ވަނީ ފެނިފަ އެވެ. ދެ ތަރިންގެ ދެމެދު ލޯބީގެ ގުޅުން އުފެދިގެން ދިޔައީ "ކަޕޫރް އެންޑް ސަންސް"ގެ ޝޫޓިން ތެރޭގައި ކަމަށްވެ އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން އާލިޔާ އަދި ސިދްހާތު ވެސް ވާހަކައެއް ނުދައްކަ އެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނުބެނެ އެވެ. ނޫސްވެރިން އެ ސުވާލުކުރުމުން އެކަން ދޮގެއް ވެސް ނުކުރެ އެވެ. ވާހަކަ އޮޅުވާލަނީ އެވެ.

އެކުގައި ސިނަމާތަކަށާއި ލަންޗް އަދި ޑިނާތަކަށް ދާ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ. އެ ފޮޓޯތައް ވެސް އާންމުވެފައިވެ އެވެ. ދެ ތަރިން އެކުގައި އަބަދުވެސް ފެންނަނީ ވަރަށް އުފަލުން ތިއްބަ އެވެ.

މި ހަފުތާ ތެރޭ ބޭއްވި އެޗްޓީ ސްޓައިލިޝް އެވޯޑްސްއަށް ވެސް ދެ ތަރިން ގޮސްފައިވަނީ އެކުގަ އެވެ. ރެޑް ކާޕެޓުގައި އަތާއި އަތުގުޅުވައިގެން ވަނީ ހިނގާފަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. އާލިޔާ އަދި ސިދްހާތު އަތާއި އަތުގުޅުވާލާފައިވަނީ ފޮޓޯގްރާފަރުން ފޮޓޯއަކަށް އެދުމުންނެވެ. ފޮޓޯ ނެގުމަށްފަހު އާލިޔާ ސިދްހަތު ދޫކޮށްލަ އެވެ.

އަތާއި އަތު ގުޅުވާލައިގެން ސިދްހާތާއި އާލިޔާ ޕަބްލިކަށް ނިކުތުމަކީ އެމީހުންގެ ގުޅުން އިއުލާން ކުރުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަނގައިން އެހެން ނުބުނި ނަމަވެސް އަމަލުން އެކަން ދައްކާފައިވާ ކަމަށް ދަނީ ބުނަމުންނެވެ. އެވޯޑް ހަފުލާގައި ވެސް ދެ ތަރިން ތިބީ އެކީގަ އެވެ. އަދި އެކުގައި އުފާވެރި ވަގުތަކެއް ހޭދަކޮށްފައިވާ ކަމަށްވެ އެވެ.

އެ ހަފުލާގައި ސިދްހާތަށް ވަނީ މޯސްޓް ސްޓައިލިޝް އެކްޓާ ރީޑާސް އެވޯޑްސް ވެސް ލިބިފަ އެވެ.