ބޮލީވުޑް

އައިޝްވާރިޔާގެ ޖަޒްބާ ރިލީޒްކުރުން އޮކްޓޯބަރު 9ގައި

Mar 26, 2015

ދުނިޔޭގެ ރިތީގެ ރާނީގެ މަގާމު ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އައިޝްވާރިޔާ ރާއީ ބައްޗަން ފަސް އަހަރުގެ މެދުކެޑުމަކަށް ފަހު ކުޅޭ ފުރަތަމަ ފިލްމް "ޖަޒްބާ" އޮކްޓޯބަރު މަހު ރިލީޒްކުރާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އިއުލާނުކޮށްފި އެވެ.

ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޓްވިޓާގައި ވަނީ މިފިލްމް އޮކްޓޯބަރު 9ވަނަ ދުވަހު ސިނާމާގައި އަޅުވާނެކަން ހާމަކޮށްފަ އެވެ.

އެކްޝަން ޑްރާމާ މިފިލްމުގައި އައިޝްވާރިޔާ މުހިންމު ރޯލަކުން ފެނިގެންދާއިރު، މިފިލްމުގައި އައިޝްވާރިޔާ ކުޅެނީ ވަކީލެއްގެ ރޯލުކަމަށްވެ އެވެ. ދެން އެންމެ މުހިންމު ރޯލުން ފެނިގެންދާ އިރްފާން ޚާން ފެނިގެންދާނީ ސަސްޕެންޑްކޮށްފައިވާ ފުލުސް މީހެއްގެ ގޮތުގަ އެވެ.

މިދެތަރިންގެ އިތުރުން ޝާބާނާ އާޒްމީ ވެސް މުހިންމު ރޯލަކުން ފެނިގެންދާއިރު، އަނޫޕަމް ކޭރް އާއި، އަތުލް ކުލްކާނީގެ އިތުރުން ސިދާތް ކަޕޫރުގެ އިތުރުން ޗަންދަނ ރޯއި ސަންދާލް ވެސް މިފިލްމުން ފެނިގެންދާނެ ކަމަށްވެ އެވެ.

މިހާރު މުމްބާއީގައި މި ފިލްމުގެ ޝޫޓިން ކުރިއަށް ދާއިރު، ފިލްމުގެ ޑައިރެކްޓަރު ގުޕްތާ ވަނީ ހޮލީވުޑްގެ މަޝްހޫރު އެކްޝަން ޑައިރެކްޓަރު ސްޕެރޯ ރޮޒޭޓޯސް މިފިލްމުގެ ބައެއް އެކްޝަން މަންޒަރުތައް ޑައިރެކްޓްކުރުމަށް އިންޑިއާއަށް ގެނެސްފަ އެވެ.

"ޖަޒްބާ" އަކީ ކޮރެއަން ފިލްމް "ސެވަން ޑޭސް"ގެ ނަމޫނާއަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މީޑިއާއަށް ވަރަށް ސިއްރުން މިފިލްމުގެ ހުރިހާ ކަންތަކެއް ކުރަމުންދަނިކޮށް މިފަހުންވަނީ މިފިލްމުގެ ޝޫޓިންގައި އައިޝްވާރިޔާ ހަރަކާތްތެރިވާ ފޮޓޯއެއް އާންމުވެފަ އެވެ. އައިޝްވާރިޔާ އަލުން ފިލްމުތަކުން ފެނުމަށް އިންތިޒާރުކުރަމުން އަންނަ އޭނާގެ ފޭނުންނަށް ހަމަޔަގީނުންވެސް މިއީ އުފާވެރި ހަބަރަކަށް ވެގެން ދާނެ އެވެ. އިންތިޒާރު ކޮށްލައްވާށެވެ.