ކުޅިވަރު

ޖަރުމަނާއި އިންގްލެންޑް އެއް ވަނައިގައި ލީޑް ފުޅާ ކޮށްފި

Mar 27, 2017

އަޒަރުބައިޖާންގެ މައްޗަށް، 4-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި، ގުރޫޕް ސީގައި ޖަރުމަނުން ފަސް ޕޮއިންޓަށް ލީޑް ފުޅާ ކޮށްފި އެވެ.

އަދި ރޭ ލިތުއޭނިއާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އިންގެލެންޑް ވެސް ވަނީ ގުރޫޕް އެފް ގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ.

އަޒަރު ބައިޖާންގެ ދަނޑުގައި ކުޅުނު މެޗުގައި، ޖަރުމަންގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، އަންދުރޭ ޝުއެލާ އެވެ. ޖަރުމަނަށް ލީޑް ނަގައިދިނީވެސް ޝުއެލާ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނެޓްގަ އެވެ. މެޗުގެ 31 ވަނަ މިނެޓްގައި، އަޒަރުބައިޖާންގެ ނަޒުރޯވް ވަނީ، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ނަމަވެސް، އޭގެ ފަސް މިނެޓް ފަހުން، ތޯމަސް މުލާ ވަނީ، ޖަރުމަނަށް އަލުން ލީޑް ނަގައިދީފަ އެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައި، ޖަރުމަނަށް ލީޑް ފުޅާ ކޮށްދިނީ މާރިއޯ ގޯމޭޒް އެވެ. ޝުއެލާގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 81 ވަނަ މިނެޓްގައެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި، ކުޅުނު މެޗުގައި އިންގެލްނޑްގެ ލަނޑުތައް ކާމިޔާބު ކުރީ، ޖާމެން ޑިފޯ އާއި ޖޭމްސް ވާޑީ އެވެ.

ފަސޭހަ ގުރޫޕެއްގައި ލައްވާލި ޕޮލެންޑްވެސް ވަނީ މޮންޓަނީގުރޯގެ މައްޗަށް 2-1 ގެ ނަތިޖާ އަކުން ކާމިޔާބު ހޯދައި، ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ.

ޕޮލެންޑްގެ ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، ރޮބަޓް ލެވަންޑޮސްކީ އެވެ. ދެ ވަނަ ހާފުގައި ސްޓެފަން މުގޯސާ ވަނީ މޮންޓަނީގުރޯއަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.

ޕޮލެންޑް މެޗުން މޮޅު ކޮށްދިން ލަނޑު، 82 ވަނަ މިނެޓްގައި، ކާމިޔަބު ކުރީ، ލޫކަޝް ޕިސްޖެކް އެވެ.

ޗެކްރިޕަބްލިކް، ސެން މެރީނޯއާ ދެކޮޅަށް ކުޅުނު މެޗު ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ކޮށްފަ އެވެ.