ބޭރު ކުޅިވަރު

ވިލްޝެއާ މިލާނަށް ބަދަލުވާން ވިސްނަނީ

Mar 27, 2017

އިޓަލީގެ އޭސީ މިލާނަށް ބަދަލުވާން އާސެނަލްގެ މިޑްފީލްޑަރު ޖެކް ވިލްޝެއާ ވިސްނަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގައި ބޯންމަތަށް ކުޅެމުންދާ ވިލްޝެއާ އާސެނަލްއާއެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ. ކުރިއަށް އޮތް ސީޒަންގައި އާސެނަލް އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވިފައިވާއިރު، ވިލްޝެއާ އަށް އޮތީ އިތުރު ގޮތްތަކަށް ވިސްނަންޖެހިފަ އެވެ.

މި ސީޒަންގައި ވިލްޝެއާ ގެންދަން މިލާނުން ޝައުގުވެރިވި އެެވެ. އެކަމަކު ޓްރާންސްފާގެ ފަހު ދުވަހު ވިލްޝެއާ ބަދަލުވީ ބޯންމަތަށެވެ.

އޭސީ މިލާންގައި ލޯނު އެއްބަސްވުމެއްގެ ދަށުން ދެ ސީޒަން ހޭދަކުރި އިންގްލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ޑޭވިޑް ބެކަމް ވަނީ މިލާނަށް ބަދަލުވުމަށް ވިލްޝެއާ އަށް ލަފާ ދީފަ އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މިލާނަށް ބަދަލުވުމަށް ވިލްޝެއާ ވެސް ވިސްނަމުން އެބަދެ އެވެ. އޭގެ އެއް ސަބަބަކީ މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު ޖޯ ހާޓް ވެސް މި ސީޒަންގައި ލޯނު އެއްބަސްވުމުގެ ދަށުން އިޓަލީގެ ޓޮރީނޯ އަށް ބަދަލުވެ، ރަނގަޅު ސީޒަނެއް ހޭދަކުރަމުންދާތީ އެވެ.

ޕްރިމިއާ ލީގުގެ ވޮޓްފޮޑާއި ކްރިސްޓަލް ޕެލެސްގެ އިތުރުން ޕޯޗުގަލްގެ ބެންފީކާ އަދި އިޓަލީގެ ރޯމާ އިން ވެސް ވިލްޝެއާ އަށް ޝައުގުވެރިވޭ އެވެ.

ވިލްޝެއާ އަކީ ފަހުގެ ތާރީހެއްގައި އިންގްލެންޑްގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. އެކަމަކު އަނިޔާގެ މައްސަލަތަކާހެދި، ވިލްޝެއާގެ ކެރިއަރަށް ވަނީ ހިޔަނި އެޅިފަ އެވެ.